ޚަބަރު

ޕީއެސްއެމްގެ ބޯޑު އެކުލަވާލުމުގެ ބާރު ޕްރައިވެޓައިޒޭޝަން ބޯޑަށް ލިބޭ އިސްލާހު ބަލައިގެންފި


ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ގަވަރނިންގ ބޯޑު އުވާލާ ބޯޑަށް އާ މެންބަރުން އައްޔަންކުރުމުގެ ބާރު ޕްރައިވެޓައިޒޭޝަން ބޯޑަށް ލިބޭ އިސްލާހު މަޖިލީހުން ބަލައިގަންނަށް ފާސްކޮށްފިއެވެ. މި އިސްލާހު މަޖިލީހަށް ބަލައިގަތީ މިއަދުގެ މަޖިލީހުގެ ބައިވެރިވި 32 މެންބަރުންގެ އިއްތިފާޤުންނެވެ. މި ބިލް ބަލައިގަތުމަށްފަހުވަނީ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

ޕީއެސްއެމްގެ ބޯޑު އުވާލަން މަޖިލީހަށް ހުށަހަޅާފައިވަނީ ޕީއެސްއެމްގެ ޤާނޫނުވެސް މަޖިލީހަށް ހުށައެޅުއްވި ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލްއެވެ. އެނާ ހުށައެޅުއްވި ިއސްލާހުގައި ވަނީ ޕީއެސްއެމްގެ ބޯޑުގެ މެންބަރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ހުށައަޅަފައެވެ. އަދި ޕީއެސްއެމްގެ ބޯޑަށް އައްޔަންކުރަން ބޭނުންވާ މެންބަރުންތަކެއްގެ ނަންތަކެއް ޕްރައިވެޓައިޒޭޝަން ބޯޑަށް ހުށައަޅާތާ 10 ދުވަހުގެ ތެރޭގައި ޕްރައިވެޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަންޖެހޭނެކަމަށްވެސް މި އިސްލާހުގައިވެއެވެ.
މުޙައްމަދު އިސްމާޢީލް ވިދާޅުވީ ޕީއެސްއެމްގެ ގަވަރނިންގ ބޯޑު އުވާލަން އިސްލާހު ހުށަހެޅުއްވީ، ކުންފުނި އެކުލަވާލުމާއި ހިންގުމުގައި ރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މުހިއްމު މަފްޙޫމްތަކާއި ސިފަތައް ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ހިމެނިފައިނުވާތީ ކަމަށެވެ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ ޕީއެސްއެމް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމާއިއެކު އެކުންފުނި ހިންގުން ހަރުދަނާވެގެން ދާނެ އެވެ.

ޕީއެސްއެމް ޤާނޫނު މިހާރު އޮތްގޮތުން އެ ކުންފުނީގެ ބޯޑު މެންބަރުން އައްޔަންކުރާނީ ރައްޔިތުން މަޖލީހުންނެވެ. ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޤާނޫނަކީ 2015ވަނަ އަހަރު ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެކެވެ.