ތަޢުލީމު

ޓޮޕް އެޗީވާރސް އެވޯޑުގެ އެއްވަނަ 47 ދަރިވަރަކު ހާޞިލުކޮށްފި


2017 ވަނަ އަހަރު މަތީ ޘާނަވީ އިމްތިޙާން އަދި އެޗް.އެސް.ސީ އިމްތިޙާނުން އެންމެ މަތިން މާކްސް ހޯދައިގެން އޭލެވް ޓޮޕް އެޗީވާރސް އެވޯޑުގެ ފަޚުރުވެރި އެއްވަނަ 47 ދަރިވަރަކު ހާޞިލުކޮށްފިއެވެ.

މި ދަރިވަރުންނަށް އެވޯޑާއި، އިނާމްތައް ޙަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މަތީ ޘާނަވީ ތަޢުލީމު ނިންމައި އެ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމެވެ.

2017 ވަނަ އަހަރު މަތީ ޘާނަވީ ތަޢުލީމު ނިންމައި އެ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ "ޓޮޕް އެޗީވާރސް އެވޯޑު" ރާއްޖޭގެ 43 ސްކޫލަކުން ޖުމްލަ 205 ދަރިވަރަކު ޙާސިލުކޮށްފައިވެއެވެ. މީގެ ތެރެއިން 5 މާއްދާއިން އޭ ފާސް ހޯދާ، "ޓޮޕް އެޗީވާރސް އެވޯޑު"ގެ ފަޚުރުވެރި އެއްވަނަ ޙާސިލުކޮށްފައިވަނީ 47 ދަރިވަރެކެވެ. މި ދަރިވަރުންނަށް އެވޯޑާއި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމެވެ.

"ޓޮޕް އެޗީވާރސް އެވޯޑު"ގެ އެއްވަނައިގައި 47 ދަރިވަރަކު ހިމެނޭއިރު، 5 މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް މިފަހަރު 6 ދަރިވަރަކު ވަނީ ޙާސިލުކޮށްފައެވެ. މީގެ އިތުރުން ވަކިވަކި މާއްދާތަކުން ރާއްޖެއިންނާއި ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މާކްސް ހޯދި ދަރިވަރުންނަށްވެސް އެކަމުގެ އެވޯޑާއި، ލިޔުން މި ރަސްމިއްޔާތުގައި ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިޙާނުން މުޅި ދުނިޔޭގެ އެއްވަނަ ރާއްޖޭގެ 6 ދަރިވަރަކު ހޯދާފައިވާއިރު، އޭ ލެވެލް އިމްތިޙާނުން ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ 45 ދަރިވަރަކު ވަނީ ހިމެނިފައެވެ.

އޭލެވެލް އިމްތިޚާނުން ރަން ވަނަތައް ހާޞިލުކޮށްފައިވާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ދާއިރާ މުޅިން އައު ހަރުފަތަކަށް ގެންދިއުމަށްޓަކާ މި ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި އެކަންކަމުގެ ފޮނި މީރުކަމާއި، ހެޔޮ ބަދަލުތައް މިއަދުގެ މުޖުތަމަޢުއިން ފެންނަމުންދާކަމަށާއި، އިމްތިޙާނުތަކުގައި ދަރިވަރުން ހޯދާ ކާމިޔާބީތަކުން ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދެވޭކަން ރަމްޒުކޮށްދޭކަމަށެވެ. އެގޮތުން އޭ ލެވެލްގެ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާކަން އެޑިއުކޭޝަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ވާހަކަފުޅުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ވަރަށްވެސް ސާފު މެނިފެސްޓޯއަކާއެކުކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ތަޢުލީމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުކަން ފާހަގަކުރެއްވިއެވެ. އަދި ތަހުޒީބު މުޖުތަމަޢަކަށް ބޭނުންވާ ތަރުބަވީ ތަޢުލީމު ފޯރުކޮށްދިނުމަށް ރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޒަމާނަށް ފެތޭ، ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޤައުމީ އައު މަންހަޖާއެކު ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުކޮށް، ތަޢުލީމީ ނިޒާމުގެ ބޭރުން ދަރިވަރުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާއާއި، ދަރިވަރުންގެ ފަންނީ ހުނަރުތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާއި ނޮވެމްބަރ މަހުގައި ބޭއްވި އޭ ލެވެލް އިމްތިޙާނުގައި ރާއްޖޭގެ 43 ސްކޫލަކުން 1819 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 1104 އަންހެން ދަރިވަރަކާއި، 715 ފިރިހެން ދަރިވަރުން ހިމެނެއެވެ.