ޚަބަރު

މަރުޙަބާ ޑރ.ޝަހީމް، މިތިބީ މަނިކުފާނާއެކު - ޑރ.މުނީޒާ


އަންނަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓަކަށް ހަމަޖައްސަވާފައިވާ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް މޯލްޑިވްސް ސެންޓަރު ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)ގެ ޗެއާމަން ޑރ. އާއިޝަތު މުނީޒާ މަރުޙަބާ ދަންނަވައިފިއެވެ.

ޑރ. މުނީޒާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައިވާ ޑރ.ޝަހީމަށް ރިޔާސީ އިންތިޚާބުގެ ކާމިޔާބީއެއް އެދޭކަމަށެވެ. އަދި ޑރ.ޝަހީމަށް މަރުޙަބާ ދަންނަވާ ކަމަށް ވެސް ޑރ މުނީޒާގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޑރ.މުނީޒާ ވިދާޅުވީ ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ޢައްޔަންކުރަން ޑރ.ޝަހީމަކީ އެންމެ ރަނގަޅު ހޮވުން ކަމަށެވެ. އަދި އެކަމަނާ ހުންނެވީ ޑރ.ޝަހީމާ އެކުގައި ކަމަށެވެ.

ޑރ.މުނީޒާއަކީ އިސްލާމިކް ފައިނޭންސްގެ ރޮނގުން އިސްލާމީ ދުނިޔޭގައި ނުފޫޒުގަދަ ބޭކަނބަލެކެވެ. އަދި އެކަމަނާއަކީ ރާއްޖޭގައި މިދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުންދާ ޢިލްމީ ބޭކަނބަލެކެވެ.