ޚަބަރު

ސަޢުދީ ސަފީރު ޑރ.ޝަހީމަށް މަރުޙަބާ ދަންނަވައިފި


އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިޢުލާން ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގ މޭޓަކަށް ދާދިފަހުން ހަމަޖައްސަވާފައިވާ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަދުރް އަލީ އަޙްމަދު އަލްކަހައިލް މަރުޙަބާ ދަންނަވައިފިއެވެ.

ސަޢުދީ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ރަނިންގ މޭޓަކަށް ޑރ.ޝަހީމް ހަމަޖައްސަަވާފައިވާތީ މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކާމިޔާބީއަށް އެދޭކަމަށްވެސް ސަޢުދީ ސަފީރުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި ޑރ.ޝަހީމް ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ހަމަޖެއްސުމާއިއެކު ރާއްޖޭގެ ގިނަ އިލްމުވެރިންވެސް ވަނީ އެކަމަށް މަރުޙަބާ ދަންނަވާފައެވެ. ޑރ.ޝަހީމަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަޤްބޫލް ދީނީ ޢިލްމުވެރިއެކެވެ. ހަމައެއާއެކު ޢަރަބި އިސްލާމީ ޤައުމުތަކުގެ މެދުގައިވެސް އެމަނިކުފާނަކީ މަޤްބޫލު ބޭފުޅެކެވެ.