ޚަބަރު

ރާއްޖޭގެ ފޮރިން މިނިސްޓަރ ތުރުކީވިލާތުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި


ރާއްޖޭގެ ފޮރިން މިނިސްޓަރ ތުރުކީވިލާތުގެ ފޮރިން މިނިސްޓަރ މެވްލުތް ޝަވުޝޫލޫއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައެވެ. ބައްދަލުވުން ބޭއްވީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ރިޔާސީ އައު ދައުރަކަށް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ޚާއްޞަ މަންދޫބެއްގެ ޙަސިއްޔަތުން، ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢާސިމް ތުރުކީވިލާތައް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ތުރުކީވިލާތުގެ ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގާތްގުޅުމާއި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، ތިމާވެށީގެ ދާއިރާ، މީގެ އިތުރުން އިންސާނީ ވަސީލަތް ބިނާކުރުމުގައި އެއްޤައުމު އަނެއް ޤައުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ. ވަކިން ޙާއްސަގޮތެއްގައި ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް ޑިޕްލޮމެޓުން ތަމްރީން ކުރުމާއި، އެ ދާއިރާއިން މީހުން ބިނާކުރުމާއި ގުޅޭގޮތުން ދެ ޤައުމު ގުޅިގެން ކުރިއަށްގެންދާ ޙާއްސަ މަޝްރޫޢު މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ދުނިޔޭގެ މަޝްރަޙުގައި ދެ ޤައުމުގެ ވިސްނުމާއި ޚިޔާލު އެއްގޮތް ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރުމާގުޅޭގޮތުންވެސް ރާއްޖެއާއި ތުރުކީވިލާތުގެ ފޮރިން މިނިސްޓަރުން މަޝްވަރާކުރައްވާފައިވެއެވެ.

މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ތުރުކީވިލާތުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ. އެގޮތުން އެމަނިކުފާނު ވަނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި ތުރުކީވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންވެސް އެޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއިން ތުރުކީވިލާތާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 28 މެއި 1979 ގައެވެ. ހުޅަނގުގެ ބާރުތަކުގެ އިއްތިޙާދު ނޭޓޯގައި ހިމެނޭ ތުރުކީވިލާތަކީ އިސްލާމީ ދުނިޔޭގައިވެސް މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ.