ޚަބަރު

ދެ ދާއިރާއަކުން ރާއްޖެއަށް އެހީދިނުމަށް ސަޢުދީ ޢަރަބިއްޔާއިން އެއްބަސްވެއްޖެ


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށާއި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް، އެސް.އެފް.ޑީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ދިވެހިރާއްޖެއިން ސަޢުދީ އަރަބިއްޔާއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ، ޕްރިންސް ޢަބްދުލްޢަޒީޒު ބިން ސަޢުދު ބިން ނާއިފް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ، ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް މާލެއަށް ވަޑައިގަތުމާއެކު، އެމަނިކުފާނަށް ޢިއްޒުއްދީނު ފާލަމުން މަރްޙަބާ ދެންނެވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ. ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ، ޢަބްދުލްޢަޒީޒް ބިން ސަޢުދު ބިން ނާއިފް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން މެހެމާނުން ސޮއިކުރައްވާ ފޮތުގައި ވަނީ ސޮއިކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްވެސް ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ މި ޒިޔާރަތުގައި ސަޢުދީ އަރަބިއްޔާއާއި، ދިވެހިރާއްޖެއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިންޓީރިއަރ ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ މި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި ސަޢުދީ އަރަބިއްޔާއާއި ދެމެދު ވަނީ ޙާއްސަ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެގޮތުން ސަޢުދީ އަރަބިއްޔާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުމަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން ދަ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ރިގާރޑިންގ ދަ ސަޢުދީ ފަންޑް ޕަރޓިސިޕޭޝަން އިން ދަ ފައިނޭންސިންގ އޮފް އެފޯޑަބްލް ހައުސިން ސްކީމް ޕްރޮޖެކްޓް، އެންޑް ޑިވެލޮޕްމެންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓް"އެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޓް ޓްރެޜަރީ އަޙުމަދު މުނައްވަރެވެ. އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމެންޓްގެ ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއާރމަން އަޙްމަދު ބިން އަޤީލް އަލްޚަތީބެވެ.

ސަޢުދީ ޢަރަބިއްޔާއާއެކު ދިވެހިރާއްޖެއިން ޙާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރޗް 1981 ގައެވެ. އެގޮތުން ފާއިތުވި 37 އަހަރުގެ ތެރޭގައި ސަޢުދީ އަރަބިއްޔާއިން ވަނީ ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތަކެއް ވެދީފައެވެ. ވަކިން ޙާއްސަގޮތެއްގައި ރާއްޖޭގައި ދީނީ ޢިލްމު ފެތުރުވުމާއި، ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސަޢުދީން އަންނަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިންވެސް ދެ ޤައުމު ގުޅިގެން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެއެވެ.