ޚަބަރު

އިސްލާހަށްޓަކައި އޮތް ފަޅިއަކީ މީ ހުރިހާ ޢިލްމުވެރިން މިފަޅިއަށް ވަޑައިގަންނަވާ: ޑރ. ޝަހީމް


އިސްލާހަށްޓަކައި އޮތް ފަޅިއަކީ ރައީސް ޔާމީން ހުންނެވި ފަޅިކަމަށާއި ހުރިހާ ޢިލްމުވެރިން އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ އެ ފަޅިއަށް އަރަންޖެހޭ ވަގުތު ޖެހިއްޖެކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ޝަޙީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި ނުކުންނެވީ ދީނީ ޢިލްމުވެރިން އެކަމަށް ވަޞިއްޔަތް ކުރުމުން ކަމަށެވެ.

"ރަނިންގް މޭޓްކަމަށް މިނުކުތީ ދީނީ އިލްމުވެރިން އެކަމަށް ވަސިއްޔަތް ކުރުމުން. އެހެން ކަމުން އަޅުގަނޑު އެދެނީ މާތް ﷲ މި މަސައްކަތުގައި ބަރަކާތް ލެއްވުން. މި ފުރުސަތު ދިވެހި ރައްޔިތުން އަޅުގަނޑުމެންނަށް ދެއްވައިފިނަމަ، ރައީސް ޔާމީނުގެ ޒައާމަތުގެ އަޅުގަނޑުމެން އިސްލާމް ދީނުގެ ހިދުމަތް ވަރުގަދަ ކުރާނަން. ދިވެހި ރާއްޖޭގެ ރައްޔިތުން އެއްބައިވަންތަ ކުރުވާނަން،" ޑރ.ޝަހީމު ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު އެ މަޤާމުން އިސްތިއުފާ ދެއްވީ އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ޢަބްދުﷲ އަށްޓަކައި ކަމަށެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވުމަށްފަހު ޝައިޚް އިމްރާނާއެކު ސިޔާސީ މަސައްކަތުން ފެނިގެން ނުދިޔައީ އިމްރާނު ހުންނެވި ފަޅިއަކީ ޤަބޫލުކުރެވޭ ފިކުރަކަށް ނުވާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ޝައިޚް އިމްރާނާއި ޝައިޚް އިލްޔާސް ހުސައިންއަކީ ވަރަށް ލޯބިވާ ދެބޭފުޅުންކަމަށް ވިދާޅުވެ ސަރުކާރާއި އެއްކޮށް މަސައްކަތްކުރުމަށް ޝަހީމް ވަނީ ދައުވަތުދެއްވާފައެވެ.

"އެ ދެ ބޭފުޅުންނަކީ އެކީގައި 30 އަހަރު ވަންދެން އުޅުއްވި ދެ ބޭފުޅުން. ނުރަނގަޅު ނަސޭހަތެއް ނުދޭނެކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އުއްމީދު ކުރަނީ ކުރިއަށް އޮތް ދެތިން ދުވަސްތެރޭ އެ ދެ ބޭފުޅުން ވެސް ގޮތެއް ނިންމެވުން. ޝައިހް އިމްރާން އަށް އަޅުގަނޑަށް ވުރެ ހެޔޮ އެދިވަޑައިގަންނަވާ ރައްޓެއްސެއް މި އުޑު ދަށުގައި ނުހުންނާނެ. ޝައިހް އިމްރާން މިނިވަންވެ ވަޑައިގަތުމާއެކު އައްސަވާ. ޝައިހް އިމްރާން އަށް އެންމެ ހެޔޮއެދި ވަޑައިގަންނަވަނީ ކާކުތޯ. އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން މި ދެނީ " ޑރ. ޝަހީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރުންނާއި މެދު އެއްވެސް ނަފުރަތު ނެތްކަމަށާއި ރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ރައީސުންނަކީ ވެސް އެމަނިކުފާނުގެ އެކުވެރިން ކަމަށެވެ.