ޚަބަރު

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހުތައް ތަސްދީޤުކުރައްވައިފި


ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ އާ ޝަރުތުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވަނީ ބޭރު ޤައުމަކުން ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރުން ފަހުން ނޫނީ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭގޮތަށް ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހެވެ.ވިލިމާލެ ދާއިރާގެ މެންބަރު، އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕް ލީޑަރު އަޙްމަދު ނިހާން ޙުސެއިން މަނިކު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިސްލާހު ފާސްކޮށްފައިވަނީ 31 މެންބަރުންގެ ވޯޓާއިއެކުއެވެ.

މި އިސްލާހު ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާ ގެޒެޓު ކުރެއްވުމާއެކު މިއަދުން ފެށިގެން މި އިސްލަހާށް ޢަމަލުކުރަން ވަނީ ފަށާފައެވެ. އިސްލާހުގައި ބުނެފައިވަނީ ބޭރުގެ އެއްވެސް ޤައުމެއްގެ ރައްޔިތަކަށް އެއްވެސް އިރެއްގައި ވެފައިވާ މީހަކަށް ރިޔާސީ އިންތިޙުބުގައި ވާދަކުރެވޭނީ އެމީހަކު ބޭރުގެ ރަށްވެހިކަން ދޫކޮށްލިތާ ދިހަ އަހަރުން ފަހުންކަމަށެވެ.

މި އިސްލާހުގެ އިތުުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތައް ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުރަން ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤު ކުރައްވާފައެވެ. މީގެކުރިން އެ ޤާނޫނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތައް ދައްކަންޖެހޭ އިދާރީ ފީއަކީ 40،000 ރުފިޔާ ކަމަށެވެ. ނަމަވެސް މަޖިލީހުން މިހާރު ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ފަރާތްތައް ދައްކަންޖެހޭ އިދާރީ ފީއަކީ އެއްލައްކަ ރުފިޔާ ކަމަށެވެ. މި އިސްލާހަށްވެސް މިއަދުން ފެށިގެން ވަނީ ޢަމަލުކުރަންފަށާފައެވެ.