ޚަބަރު

ޔުނިސެފްގެ އެހީތެރިކަމާއެކު ދިރާސާތައް ކުރުމަށް އެމްއެންޔޫއިން އެއްބަސްވުމެއްގައި ސޮއިކޮށްފި


ޔުނިސެފްގެ އެހީތެރިކަމާއެކު ތަފާތު އެކި ދާއިރާތަކުން ދިރާސާތައް ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މުޙައްމަދު އަލް މުނީރެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޔުނިސެފާއެކު ރާއްޖޭގެ ސިއްޙީ އަދި ތަޢުލީމީ ދާއިރާއާއި ކުޑަކުދިންނާ ގުޅުންހުރި ދާއިރާތަކުން ދިރާސާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފަވާޒް ވަނީ މިދާއިރާތަކުން މިހާރުވެސް ކުރިއަށްގެންދާ ދިރާސާތަކުގައި ޔުނިސެފުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

ޑރ. ފަވާޒް ވިދާޅުވީ ޔުނިސެފާއެކު އެއްބަސްވުމެއް އެކުލަވާލުމުގެ ކުރިންވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އައިސްފައިވާ ކަމަށާއި އެގޮތުން މި ވެވުނު އެއްބަސްވުމާއެކު ކުރިއަށް ހުރި ދުވަސްތަކުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"ފަހުމުނާމާގެ މަޤްސަދަކީ އަޅުގަނޑުމެން މި ކުރަމުންދާ ރިސާޗްތައް ޔުނިސެފާއި އަޅުގަނޑުމެންނާ ބައިވެރިވެގެން ކުރެވިދާނެ ކަންތައްތައް ދެނެގަތުމާއި ހަމައެއާއެކު ޔުނިސެފުގެ ޕާޓްނަރޝިޕާއެކު އަޅުގަނޑުމެން ރިސާޗްތަކެއް ކުރިއަށްގެންދިއުން،" ޑރ. ފަވާޒު ވިދާޅުވިއެވެ.

ޔުނިސެފުން އެމްއެންޔޫއާއެކު ވެނުނު މި އެއްބަސްވުމަކީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އަދި މި މުއްދަތުގެ ތެރޭގައި ތަފާތު އެކި ޕްރޮޖެކްޓްތަކަށް ވަކިވަކިން އެއްބަސްވުންތަކެއް އެކުލަވާލާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.