ޚަބަރު

ޒިކުރާ މިސްކިތް 10 ބުރީގެ ވަޤުފު އިމާރާތަކަށް


އޮފީސް ބައިތަކާއެކު ޒިކުރާ މިސްކިތް އަލުން ވަޤުފު އިމާރާތެއްގެ ގޮތުގައި އިމާރާތްކުރުމަށް ކުންފުންޏަކާ ހާވާލުކޮށްފިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 10 ފަންގި ފިލާއަށް މި އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނާއެވެ. "ދާރުލް ޒިކްރާ"ގެ ނަމުގައި އިމާރާތްކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކުރުމަށް ބެއްވި ރަސްމިއްޔާތުގައި މިކަމާގުޅޭ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަހްމަދު ޒިޔާދުއެވެ. އަދި އެސް.ޖޭ ކޮންސްޓްރަކްޝަނުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝާހިދުއެވެ.

މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ 3 ފަންގިފިލާ ޚާއްސަކޮށްފައިވަނީ މިސްކިތަށެވެ. އަދި އަނެއް 7 ފަންގިފިލާ ޚާއްސަކޮށްފައިވަނީ އޮފީސް އިމާރާތަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އިމާރާތުގައި އޮފީސްތައް ހިންގޭނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ވަކި އުސޫލްތަކެއްގެ މަތިން ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ މިހާރު އިމާރާތްކޮށްފައިވާ "ދާރުލް އީމާން" ވަޤުފް އިމާރާތުން ދަޢުލަތަށް ރަނގަޅު އާމްދަނީއެއް ލިބެމުންދާކަމަށާއި އަތޮޅުތަކުގައި މިފަދަ އިމާރާތްތައް އެޅުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އައި.ޑީ.ބީ ގެ އެހީތެރިކަމާއެކު އަތޮޅުތެރޭގައި ވަޤްފު އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ރަމަޟާންމަސް އަންނަން ވާއިރަށް ޒިކުރާ މިސްކިތުގެ އާ އިމާރާތް ނިމި ވަގުތީގޮތުން ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ.

"ރާއްޖޭގައިވެސް ކުރިއަށް އޮތްތަނުގައި އިސްލާމި އެހެން ޤައުމުތަކާ އެއްގޮތަށް ވަޤްފު ނިޒާމް ހަރުދަނާކުރުމަށް މަސައްކަތް ކުރާނަން."ޑރ.ޒިޔާދު ވިދާޅުވިއެވެ.

ޒިކުރާ މިސްކިތް އެޅުމަށް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ 30 މިލިޔަން ރުފިޔާއެވެ. އަދި ބާކީ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުންނެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 130 މިލިޔަން ރުފިޔާއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 25 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރުމަށެވެ.