ޚަބަރު

އައިޔޫއެމްގެ އިޤްރައު ބުކް ފެއަރ ހުޅުވައިފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީން އިންތިޒާމްކޮށްގެން ބާއްވާ އިޤްރައު ބުކްފެއަރ ހުޅުވައިފިއެވެ.

އިސްލާމިކް ޔުނިވާރސިޓީގެ ޖަލްސާކުރާ މާލާަމުގައި ބާއްވާ އިޤްރައު ބުކްފެއަރ ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ބުކްފެއަރ ހުޅުއްވައިދެއްވުމަށްފަހު ޑރ. ޝަހީމް ވަނީ ތަޢުލީމު އުނގެނުމާއި ފޮތް ކިޔުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ކޮންމެ މީހަކުވެސް ކުރިއަރާދާނީ ފޮތް ކިޔައިގެން ކަމަށާއި، އެކަން ދޫކޮށްނުލާ ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީއާއި އައިޔޫއެމް އާއި މާލޭގައި ހުރި މަޝްހޫރު ބޮޑެތި ބުކްޝޮޕްތައް ގުޅިގެން ކުރިއަށް ގެންދާ މިބުކްފެއަރގައި މާތްވެގެންވާ އިސްލާމްދީނާއި ގުޅުން ހުރި ތަފާތު ދީނީ ފޮތްތަކާއި ދީނީ ގޮތުން ދިރާސާކޮށްގެން ތައްޔާރުކޮށްފައިވާ ގިނަ ޢިލްމީ ފޮތްތައް ހިމަނާފައިވެއެވެ.

އައިޔޫއެމްއިން ބުނީ ބުކްޝޮޕްތަކުން އާޢްމުކޮށް ލިބެން ހުންނަ ވަރަށް ވުރެ ހެޔޮ އަގުގައި ބުކްފެއާރ އިން ފޮތް ލިބޭނެ ކަމަށާއި އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބަހައްޓާފައިވާ ސްޓޯލުން ބައެއް ފޮތްތައް ހިލޭ ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އައިޔޫއެމްގެ އިޤްރައު ބުކްފެއަރ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށް، މެންދުރުފަހު 2:00 ން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.