ކުޅިވަރު

އިނގިރޭސިންގެ ނުރައްކަލަކީ ސްޓާލިންގ - ކްރޮއޭޝިޔާ ކޯޗު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމަށް އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭ އިރު އިނގިރޭސި ޓީމުގެ އެންމެ ނުރައްކާ ކުޅުންތެރިއަކީ ފޯވަޑް ރަހީމް ސްޓާލިން ކަމަށް ކްރޮއޭޝިޔާއިން ބުނެފި އެވެ.

ކޯޗު ޑަލިކް ބުނީ މުބާރާތުގައި މިހާތަނަށް ހަ ލަނޑު ޖަހައިގެން ރަންބޫޓު ހޯދުމާ އެންމެ ގާތުގައި ހުރި އިނގިރޭސި ކެޕްޓަން ހެރީ ކޭން އަށްވުރެ ސްޓާލިންގެ ނުރައްކާ ބޮޑު ކަމަށެވެ.

"ސްޓާލިން އެއީ ވަރަށް ނުރައްކާ ކުޅުންތެރިއެއް. އޭނާ ބޯޅަ ހިފަހައްޓާ. އެހާ ޑްރިބްލްކުރޭ. އަދި ވަރަށް ހަލުވި. ހުރިހާ ގޮތަކުން ބަލާއިރު ވެސް އިނގިރޭސި ޓީމު ފުރިހަމަކޮށްދީ އެޓޭކް ވަރުގަދަކޮށްދޭ ކުޅުންތެރިއަކީ ސްޓާލިން،" ކޯޗު ބުންޏެވެ.

ގައުމީ ޓީމަށް މިދިޔަ ތިން އަހަރެއްހާ ދުވަހު ގޯލެއް ޖެހިފައިނުވި ނަމަވެސް ސްޓާލިން އަކީ އިނގިރޭސި ކޯޗު ގެރެތް ސައުތް ގޭޓް ވަރަށް އިތުބާރު ކުރާ ފުރަތަމަ 11ގެ މުހިންމު ކުޅުންތެރިއެކެވެ. މިހެންވެ ޑަލިޗް ބުނީ މެންޗެސްޓާ ސިޓީގެ ކުޅުންތެރިޔާ ހުއްޓުވަންޖެހޭ ކަމަށެވެ.

ދެ ވަނަ ބުރާއި ކުއާޓާ ފައިނަލްގައި އިތުރު ވަގުތުކުޅެ، ޕެނަލްޓީ ޖަހައިގެން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކުރި ކްރޮއޭޝިޔާގެ ކޯޗު ބުނީ ކުރީ ދެ މެޗަށްވުރެ އިނގިރޭސި މެޗު ކުޅެން ފަސޭހަވާނެ ކަމަށެވެ.

"ސަބަބަކީ އަހަރުމެން ކުރިން މިކުޅުނީ ޑިފެންސިވްކޮށް ކުޅޭ ދެ ޓީމަކާ. އިނގިރޭސި ޓީމަކީ ވަރަށް މޮޅު ޓީމެއް. އެމީހުންނަކީ އެޓޭކިން ފުޓްބޯޅަ އަށް އިސްކަންދޭން ބައެއް. އެއީ ތަފާތަކީ. އޭގެ ސަބަބުން މެޗު ތަންކޮޅެއް ފަސޭހަވާނެ،" ކޯޗު ބުންޏެވެ.

މި މެޗަކީ 1990 ވަނަ އަހަރުގެ ފަހުން އިނގިރޭސިން ސެމީ ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަދި ކްރޮއޭޝިޔާ 1998ގެ ފަހުން ސެމީ ފައިނަލްގައި ކުޅޭ ފުރަތަމަ މެޗެވެ.