ސިޔާސީ

ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށް ދީނީ ޢިލްމުވެރިންތަކެއް އިލްތިމާސްކުރައްވައިފި


ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ރަނިން މޭޓަށް ފުރިހަމަ އިތުބާރާއި ތާޢީދުއެބައޮތް ކަމަށާއި، އެއްބުރުން ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދެއްވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންތަކެއް އިލްތިމާސްކުރައްވައިފިއެވެ.

ދީނީ ޢިލްމުވެރިން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެންޑޯސްކުރައްވާ، ދީނީ ޢިލްމުވެރިން މި ދެ ބޭފުޅުންނަށް ތާޢީދުކުރާކަން ހާމަކުރެއްވުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފުންނާބުއުސް ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވިއިރު، އެބޭފުޅުން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށާއި، އެމަނިކުފާނުގެ ރަނިން މޭޓަށް ޢިލްމުވެރިން ތާޢީދުކުރައްވާ މައިގަނޑު ސަބަބުތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އަލްއުސްތާޛު އަސަދުﷲ ޝާފިޢީ އަޙްމަދު ވިދާޅުވީ، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ފަދަ، ޢިލްމީ ޤާބިލު ބޭފުޅެއް އައްޔަނު ކުރެއްވުމަށް ނިންމެވިކަމީ، އިސްލާމްދީން ކުރިއެރުވުމަށް އެމަނިކުފާނު ދެއްވާ އަޙައްމިއްޔަތުކަން އެނގި ހާމަވެގެންދާ ކަމެއްކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް -އެމްޑީއޭ ކޯލިޝަންގެ ކެންޑިޓޭޓަށް "ޢިލްމުވެރިންގެ ޢާއިލާގެ" ފުރިހަމަ ތާޢީދު އޮތްކަން ހާމަކުރައްވާ އަލްއުސްތާޛު ޝާފިޢީ ވިދާޅުވީ، މިއީ އިސްލާމީ ދަޢުވާ ފެތުރުމަށް ލިބިގެންދާ ވަރަށް އަގުހުރި ފުރުޞަތެއްކަމަށާއި، މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ރައީސް ޔާމީން ދެވަނަ ދަޢުރަކަށް އިންތިޚާބު ކުރަންޖެހޭކަމަށެވެ. އަދި އެކަމަށް ދީނީ ޢިލްމުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އަލްއުސްތާޛު ޝާފިޢީ ވިދާޅުވިއެވެ.

އަލްއުސްތާޛު ޝާފިޢީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ދީނީ ޢިލްމުވެރިންވެސް ވަނީ އެބޭފުޅުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ފަހަތްޕުޅުގައި ތިއްބެވިކަން ހާމަކުރައްވާފައެވެ. އެގޮތުން އިސްލާމީ ސަޤާފަތާއި، އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށްޓަކާ ރައީސް ޔާމީން ކުރައްވަމުންގެންވާ މަސައްކަތްތަކާ، ޑރ. ޝަހީމް ފަދަ ޒުވާން ހިންގުތެރި ބޭފުޅެއް ގުޅިވަޑައިގަތުމަކީ، ރާއްޖެ އަމާން އޮމާން މިސްރާބަކަށް ދަތުރުކުރުމަށްޓަކާ ލިބިގެންދާ އިތުރު ހިތްވަރެއްކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި ޤައުމު ހަމަ މަގަށް އެޅުވުމަށްޓަކާ ޢިލްމުވެރިންނާއި، އަމުރުވެރިން އެއްގަލަކަށް އަރަންޖެހޭކަމަށާއި، އެއްވެސް ޒާތީ ތަޢައްސުބެއް ނެތި، ޤައުމުގެ މަސްލަޙަތު އިސްކުރަންޖެހޭކަން ޢިލްމުވެރިން ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިން މޭޓަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ފަދަ ރާއްޖޭގެ މަޝްރަހު ރަނގަޅަށް ދަންނަ ޢިލްމީގޮތުން ޤާބިލު ބޭފުޅެއް އައްޔަންކުރެއްވިކަމަށްޓަކާ މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ދީނީ ޢިލްމުވެރިން ވަނީ ރައީސް ޔާމީންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީނަށާއި، އެމަނިކުފާނުގެ ރަނިން މޭޓަށް ދީނީ ޢިލްމުވެރިންގެ ފަރާތުން އޮތް ތާޢީދާއި ލޯބި ހާމަކުރެއްވުމުގެ ގޮތުން ވަރަށް ކައިރި މުސްތަޤުބަލެއްގައި މިއަށްވުރެ ބޮޑު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ނޫސްވެރިންގެ ބައްދަލުވުން އިންތިޒާމްކުރި ފަރާތުން ބުނެއެވެ.