ޚަބަރު

ފޭރާންހެޔޮ ލިޔުންތެރިކަމެއް އުފައްދަންޖެހޭ - އެޑިއުކޭޝަން މިނިސްޓަރ


ތަޢުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުރަކާއެކު، ލިޔުންތެރިކަން ހަރުދަނާކޮށް، މިހާރަށްވުރެ ފޭރާންހެޔޮ ލިއުންތެރިކަމެއް އުފައްދަންޖެހޭކަމަށް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

33 ވަނަ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އިފްތިތާޙް ކުރުމަށާއި، ލިޔުންތެރިންގެ ދުވަސް ފަހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ލިޔުންތެރިކަމަށް އެކިއަސަރު ފޯރާ ކަމަށާ އެކަން މުޅިދުނިޔޭގައިވެސް އެފަދަގޮތަކަށް ކުރިއަށްދާއިރު ފޭރާން ހެޔޮ ރީތި މޮޅު ލިޔުންތެރިން ރާއްޖެއަށް ބޭނުންވާކަމަށެވެ.

ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާއިރު ލިޔުންތެރިކަމާއި ވާހަކަދެއްކުމުގެ ފަންނުންވެސް ކުރިއެރުންތައް ހޯދުމަށް ތަޢުލީމީ ދާއިރާއިން މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ތަރިކަ މަޝްރޫޢުގެ ދަށުން ކުރިއަށްދާ ޤައުމިއްޔަތު ދިރުވައި އާލާކުރުމާއި، ޤައުމީ ބަހާތަށް ތަރައްޤީކުރުމުގެ މަސައްކަތްތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ލިޔުންތެރިންނަކީ ޤައުމީ ތަރައްޤީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށާ އެއީ ޤައުމަށް އަންނަމުންދާ ތަރައްޤީ، އަންނަންއޮތް ޖީލުތަކަށް ބުނެދޭންތިބޭ މީހުންކަމަށެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސްކޫލްތަކުން އެންމެ ޖޯޝާއި ފޯރީގައި ކުރިއަށްގެންދާ އެއްމުބާރާތަށް ވާހަކަދެއްކުމުގެ މުބާރާތްވުމަކީ އެކަމާ ފަޚުރުވެރިވާކަމެއްކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަޝްހޫރު ލިޔުންތެރިޔާ އިބްރާހީމް ހުސެއިން މަނިކު ވިދާޅުވީ ލިޔުންތެރިކަން ކުރިއެރުވުމުގައި ދަތިތަކެއް އެބަހުރިކަމަށާ، އެކަން ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާކަމަށެވެ.

މިރަސްމިއްޔާތުގައި ވަނީ ދިވެހިބަހުގެ އެކަޑަމީގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގެ ތެރެއިން ފޮތްތައް އޮންލައިންކޮށް ލިބެން ހުންނާނެފަދަ ޕްލެޓްފޯމެއް ތަޢާރަފުކޮށް އިފްތިތާޙްކޮށްފައެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް ދިހާހާށްވުރެ ގިނަ ފޮތްތައް އޮންލައިކޮށް ލިބެން ހުންނާނެކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި އެކަޑެމީން ނެރެފައިވާ ސާސްކަފު ފޮތްތައް ސްކޫލްތަކާ ޙަވާލުކޮށްފައިވާއިރު ދިވެހި ބަހުގެ އެކަޑަމީން ކުރަމުންގެންދާ ދިރާސާތަކުގެ ތެރެއިން ނަމުގެ ބައިތަކުގެ މައްޗަށް އެކަށައެޅި އާ ޤަވާއިދަށް ޢާއްމުންގެ ޚިޔާލުހޯދުމަށްވެސްވަނީ ހުޅުވާލާފައެވެ.