ޚަބަރު

"ހިޔާ" ފޯމް ދޫކުރުމާއި ބަލައިގަތުން ހައުސިން މިނިސްޓްރީއަށް ބަދަލުކޮށްފި


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް އެދޭ ފޯމް ދޫކުރުމާއި، ބަލައިގަތުން ހައުސިންގ މިނިސްޓްރީގައި ފަށައިފިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރާ 7000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް އެދޭ ފޯމްތައް ހައުސިންގ މިނިސްޓްރީން ދޫކުރަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހެވެ. އަދި ފޯމްތައް ބަލައިގަންނަން ފަށާފައިވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހެވެ.

"ހިޔާ" ފްލެޓްތަކަށް އެދޭ ފޯމުދޫކުރުމާއި، ބަލައިގަތުމުގެ ކަންކަން މީގެ ކުރިން ދަރުބާރުގޭގައި ކުރިއަށްގެންދިޔަ ނަމަވެސް، ހައުސިންގ މިނިސްޓްރީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު، އެތަނުން ފޯމްތައް ބަލައިގަތުމާއި ދޫކުރުމުގެ ކަންކަން ހުއްޓާލާފައެވެ. އަދި މިއަދުން ފެށިގެން "ހިޔާ" މަޝްރޫޢުގެ ފްލެޓްތަކަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ހައުސިންގ މިނިސްޓްރީގައި ކުރިއަށްގެންދިޔަ ނަމަވެސް، ގަޑިތަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން މެންދުރުފަހު 3 އަކަށް، ހަވީރު 4 އިން 6 އަކަށް، އަދި ރޭގަނޑު 8 އިން 11 އަށް ފޯމްތައް ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ކުރިއަށްދާނެއެވެ. އަދި ހައުސިންގ މިނިސްޓްރީގެ އިއްޒުއްދީން މަގާވީ ފަޅިން އެކަމަށް ޚާއްސަކޮށްފައިވާ ސަރަޙައްދަށް އާއްމުންނަށް ވަދެވޭނެކަމަށްވެސް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިދިޔަ ހަފްތާގެ ނިޔަލަށް ހަތަރު ހާހައަށްވުރެ ގިނަ ފޯމް ހައުސިންގ މިނިސްޓްރީން ބަލައިގެންފައިވާއިރު، މިކަމަށް އާއްމުންގެ ފަރާތުން ލިބޭ ތަރުޚީބަށްބަލާ، އަންނަ އޯގަސްޓްމަހުގެ 31 ގެ ނިޔަލަށް ފްލެޓްތަކަށް ފޯމް ހުށެއެޅުމުގެ މުއްދަތު ހައުސިންގ މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ.

ސަރުކާރުން އިޢުލާންކޮށްފައިވާ ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 7000 ހައުސިންގ ޔުނިޓް އެކުލެވިގެންވަނީ 25 ބުރީގެ 16 ޓަވަރުގެ މައްޗަށެވެ. މިއީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖިނިއަރިންގ ކޯރޕަރޭޝަނާއި ހަވާލުކޮށްގެން ތަރައްޤީކުރާ ފްލެޓްތަކެކެވެ. އެގޮތުން މި 16 ޓަވަރަށް ބޭނުންވާ ފައުންޑޭޝަންގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، މި ޓަވަރުތަކުގެ ސްޓްރަކްޗަރ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވަނީ ބުނެފައެވެ.