ޚަބަރު

ޣައްޒާ ފަންޑު މޯލްޑިވްސް އިން "ހެލްޕް ޣައްޒާ" ޓެލެތޯންގައި ބައިވެރިވެއްޖެ.






 


ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް ރާއްޖޭގެ ބްރޯޑްކާސްޓަރުން ގުޅިގެން "ހެލްޕް ޣައްޒާ"ގެ ނަމުގައި ހިންގަން ހަމަޖައްސާފައިވާ ޓެލެތޯންގައި އަދާލަތު ޕާޓީން އިސްނަގައިގެން ފައިސާ ޖަމާކުރުމަށް ހިންގި ޣައްޒާ ފަންޑު މޯލްޑިވްސް ބައިވެރިވެއްޖެއެވެ.


 
ޣައްޒާ ފަންޑު މޯލްޑިވްސްގެ އިތުރުންވެސް ސަރުކާރުގެ ކުންފުނިތަކާއި، ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާތަކުންވެސް ހެލްޕް ޣާޒާ ޓެލެތޯނު އެންޑޯސްކޮށްފައިވާ ކަމަށާއި، އަދިވެސް އިތުރު ފަރާތްތަކުން މި ޓެލެތޯނުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް، ޓެލެތޯނުގެ ސްޓިއަރިން ކޮމެޓީއިން މައުލޫމާތުދެއެވެ.


 
ޣައްޒާގައި ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތަކުން ކުރިއަށް ގެންދަން ނިންމާފައިވާ ހެލްޕް ޣައްޒާ ޓެލެތޯނާއި ޣައްޒާ ފަންޑު މޯލްޑިވްސްއިން ގުޅުމަށްފަހު އަދާލަތު ޕާޓީގެ ރައީސް އައްޝައިޙް އިމްރާން އަބްދުﷲ ވިދާޅުވީ، ދިވެހި މީޑިއާތަކުން ގުޅިގެން ޤައުމީ ފެންވަރެއްގައި މިފަދަ ބޮޑު ހަރަކާތެއް ކުރިއަށް ގެންދާތީ އުފާކުރައްވާކަމުގައެވެ. އަދި ޢައްޒާ ފަންޑު މޯލްޑިވްސްގެ ފަރާތުން މި ޓެލެތޯނުގައި ބައިވެރިވުމަށް ނިންމީ ވީހާވެސް ފުޅާ ދާއިރާއެއްގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށްކަމަށެވެ.



ޣައްޒާ ފަންޑު މޯލްޑިވްސްއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގައި ހަތަރު މިލިޔަނާއި ގާތްކުރާ އަދަދަކަށް ރުފިޔާ ޖަމާކޮށްފައިވެއެވެ.


 
އިމްރާން ވިދާޅުވީ ހުރިހާ ފަރާތަކުން ގުޅުމަށްފަހު އުއްމީދަކީ، މި ހަރަކާތަކީ ރާއްޖޭގައި މިހާތަނަށް ފަންޑު ހޯދުމަށް ކުރިއަށް ގެންދެވޭ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު ހަރަކާތަކަށް ހެލްޕ ޣައްޒާ ޓެލެތޯން ވެގެން ދިއުންކަމުގައެވެ.



ޓެލެތޯނާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯރޕަރޭޝަން (އެމް.ބީ.ސީ) ގެ ޗެއަރމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ، ޓެލެތޯނު ކުރިއަށް ގެންދާއިރު އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ، މި ހަރަކާތުން އެއްކުރެވޭ ފައިސާ، އޭގެ ހައްޤުވެރިންނަށް އެންމެ އަމާނާތްތެރިކަމާއި އެކު ހަވާލުކޮށްދިނުމަށްކަމަށެވެ.


 
ޓެލެތޯނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިލާ ޓީވީގެ ސީ.އީ.އޯ އިބްރާހިމް ޙަލީލް ވިދާޅުވީ، މި ޓެލެތޯނަކީ މީޑިއާތަކުން ހިލޭ ސާބަހަށް ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ. އަދި  ދައުލަތުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ބައެއް ޖަމާއަތްތަކުން ވެސް މިހާރު ވަނީ މީޑިއާތަކުގެ ޓެލެތޯން އެންޑޯސްކޮށްފައިވާކަމަށް ޙަލީލް ވިދާޅުވިއެވެ.


 
"މަވެސް އެހީވާނަން" މި ޝިޢާރުގެ ދަށުން އޯގަސްޓް އަށެއްވާ ހުކުރު ދުވަހު މެންދުރު ފަހު 2:30ހުން ފެށިގެން 33ގަޑިއިރާއި 30މިނެޓްއަށް ކުރިއަށްގެންދާ މި ޓެލެތޯނުގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް އަތޮޅު ތެރެއިންވެސް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވެއެވެ. އެގޮތުން ފަންޑު އެއްކުރުމަށް މާލެއާއި އަތޮޅު ތެރޭގެ ގިނަ ސަރަޙައްދު ތަކެއްގައި ފަންޑު ފޮށި ބެހެއްޓުމާއި،މޯބައިލް ނެޓްވޯރކްތަކާއި ގުޅިގެން އެސް.އެމް.އެސް މެދުވެރިކޮށް ފަންޑަށް އެހީތެރިވުމުގެ އިތުރުން، ޓެލެތޯނު ކުރިއަށްދާ ވަގުތުވެސް ފަންޑު ހޯދުމުގެގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށް ހެލްޕް ޣައްޒާ ޓެލެތޯނުގެ ސްޓިއަރިންގް ކޮމިޓީއިން މައުލޫމާތުދެއެވެ.