ޚަބަރު

އީރާނުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އަވަހާރަވެއްޖެނަމަ އަމަލު ކުރާނީ ކިހިނެއް؟


އީރާނުގެ ރައީސް އިބްރާޙީމް ރައީސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ސަރަޙައްދަށް ދިޔުމަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގައި ރައީސީގެ ފުރާނަފުޅަށް ނުރައްކާވެފައިވާ ކަމަށް ބެލެވޭ ކަމުގައި ނަން ހާމަ ކޮށްފައި ނުވާ އެ ޤައުމުގެ އޮފިޝަލަކު ބުންޏެވެ.

ރައީސީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ. މި ހާދިސާ ހިނގި ވަގުތު އޭނާއާއެކު އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ ދަތުރުކުރައްވަމުން ގެންދެވިއެވެ. މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ.

އީރާނުގެ ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އަވަހާރަވެއްޖެނަމަ, ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ, ދެން އަމަލު ކުރާނެ ގޮތް އެ ޤައުމުގެ ޤާނޫނު އަސާސީގެ 131ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.

އެ މާއްދާގައި ބުނެފައި ވަނީ, ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އަވަހާރަވެއްޖެ ނަމަ, ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ, ފުރަތަމަ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެ ކަމުގައެވެ. އެ ކަން ކުރެވޭނީ އީރާނުގެ ޒައީމް އަދި ރޫހާނީ ލީޑަރުގެ ރުުހުމާ އެކުގައި ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ. އެއަށްފަހު, ފުރަތަމަ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއާއި, ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި, ޝަރުޢީ ދާއިރާގެ އިސްވެރިޔާގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެއް އެކުލަވައިލަން ޖެހޭނެއެވެ. އައު އިންތިޚާބެއް ބާއްވައި, އައު ރައީސަކު އިންތިޚާބު ކުރުމުގެ ކަންކަން ވިލަރެސް ކުރަން ޖެހޭނީ އެ ކައުންސިލުންނެވެ.

ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އަވަހާރުވުމުން, ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވުމުން, 50 ދުވަހުގެ ތެރޭގައި ރައީސް ކަމުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރަންވާނެ ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ.

އީރާނުގެ ރައީސްކަމުގެ މަޤާމަށް ރައީސީ އިންތިޚާބު ކޮށްފައި ވަނީ 2021ވަނަ އަހަރުއެވެ. ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ރައީސީ ވަނީ އެ ޤައުމުގެ ދީނީ އަދި އަޚްލާޤީ ޤާނޫނުތަކާއި ޤަވާޢިދުތައް ހަރުކަށި ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުން އީރާނުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މުޒާހަރާތަކެއް ބާއްވާފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.