ޚަބަރު

ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދު ގުޅުންތައް ހަރުދަނާ ކުރަނީ


ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދު ގުޅުންތައް ހަރުދަނާ ކުރުމަށް މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަން ސަޢޫދީ ޢަރަބިއްޔާއިން ހާމަކޮށްފިއެވެ. އެމެރިކާއަކީ, ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ޔަހޫދީ ފައުޖުގެ ޢުދުވާނުގައި ބޭނުން ކުރަމުންދާ ނުރައްކާތެރި, އަދި ފަނާކުރަނިވި ހަތިޔާރަކީ އެމެރިކާއިން ފޯރުކޮށްދޭ ތަކެއްޗެވެ.

އެމެރިކާއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ގުޅުންތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މުހިންމު ބައްދަލުވުމެއް ބާއްވާފައި ވަނީ ސަޢޫދީގެ ޟަހްރާންގައެވެ. މި ބައްދަލުވުމުގައި ސަޢޫދީ ޢަރަބިއްޔާ ތަމްސީލު ކުރައްވާފައި ވަނީ އެ ޤައުމުގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނެއެވެ. އަދި, އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަނެވެ.

ސަޢޫދީ ޢަރަބިއްޔާއިން ހާމަކުރި ގޮތުގައި, މުޙައްމަދާއި ސަލިވަނާ ދެމެދު ބޭއްވި މަޝްވަރާތަކުގައި, ދެ ބޭފުޅުން ވަނީ, ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިކުރުމާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ އެއްބަސްވުމުގެ އެންމެ ފަހުގެ ދެލިކޮޕީ ދިރާސާ ކުރައްވާފައެވެ. އެ އެއްބަސްވުމުގެ ދެލިކޮޕީއާ މެދު ދެ ޤައުމުން ވެސް ހިތްހަމަޖެހޭ ކަން ސަޢޫދީ ޢަރަބިއްޔާގެ ދަޢުލަތުގެ މީޑިޔާއިން ހާމަކުރިއެވެ.

ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް އެއްބަސްވުމެއް އެކުލަވައިލުމުގެ ބޭނުމަކީ, މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން, ސަޢޫދީ ޢަރަބިއްޔާއަށް ނިއުކްލިޔަރ ހަކަތައިގެ ދާއިރާއިން އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމެވެ. މީގެ އިތުރުން, ޒަޔަނިސްޓު އިސްރާއީލާ ސިޔާސީ ގުޅުން ގާއިމު ކުރުމަށް އެމެރިކާއިން ދަނީ ސަޢޫދީ ޢަރަބިއްޔާއަށް ބާރު އަޅަމުންނެވެ.

ނަމަވެސް, ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން, ސަޢޫދީ ޢަރަބިއްޔާއާއި ޔަހޫދީންނާ ދެމެދު ގުޅުން ބަދަހި ކުރުމަށް ކުރަމުން ދިޔަ މަޝްވަރާތައް އޮތީ މަޑުޖެހިފައެވެ. ޣައްޒާ ޢުދުވާން ހުއްޓައިނުލަނީސް, ސަޢޫދީ ޢަރަބިއްޔާއިން އެ މަޝްވަރާތައް ކުރިއަށްގެންދަން އެެއްބަސްނުވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

މުޙައްމަދާއި ސަލިވަންގެ ބައްދަލު ކުރެއްވުމުގައި ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ނިމުމަކަށް ގެނައުމަށް ބާރުއެޅުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ. އަދި, ޔަހޫދީންނާއި ފަލަސްޠީނުގެ މުސްލިމުންނަށް މިނިވަން ދެ ދަޢުލަތް ގާއިމު ކޮށްދިނުމާ ގުޅޭ ގޮތުންނާއި, ޣައްޒާގައި ހާލުގައި ޖައްސާފަައިވާ 2.3 މިލިޔަން މުސްލިމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުން ހަލުވި ކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ވައިޓް ހައުސުން ބުނީ, ސަޢޫދީ ޢަރަބިއްޔާއަށް ފަހު, ސަލިވަން އިސްރާއީލަށް ވެސް ވަޑައިގަންނަވާނެ ކަމުގައެވެ. ސަޢޫދީ ޢަރަބިއްޔާއަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ ޤައުމެވެ. އެ ޤައުމުން ނިއުކްލިޔަރ ހަތަކައަށް ބަރޯސާވާން ބޭނުންވާނެ ކަމަށް ނުބެލެވުނު ނަމަވެސް, ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުން ދަނީ އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ. އަދި, ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު ދަށް ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.