ޚަބަރު

ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ވިލާ ނޮވެންބަރު މަހު ރާއްޖޭގައި ހުޅުވަނީ


ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ވިލާ އަންނަ ނޮވެމްބަރ މަހުގެތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންއަންނަކަމަށް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން ބުނެފިއެވެ. އެ ރިސޯޓުން ބުނީ ކަނޑުއަޑީގައި އަޅާ ވިލާތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މި ވިލާތައް ހުންނަނީ ކަނޑުގެ 5 މީޓަރު އަޑީގައެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ވިލާ ހުޅުވާއިރު މިތަނުގައި އެއްރޭ ހޭދަކުރުމަށް ފަންސާސް ހާސް ޑޮލަރު ދައްކަންޖެހޭނެއެވެ.

ކޮންރަޑް މޯލްޑިވްސް ކަންރަޑް ރަންގަލި އައިލެންޑް ރިސޯޓުން ކަނޑުއަޑީގައި ހަދާ ވިލާއަށް ދީފައިވާ ނަމަކީ މުރަކައެވެ.
މި ވިލާތައް ހުންނާނީ 2 ފަންގިފިލާއަށެވެ. އެގޮތުން މޫދުގެ މަތިން އެއްފަންގިފިލާ ހުންނައިރު، އަނެއް ފަންގިފިލާ ހުންނާނީ މޫދުގެ އަޑިއަށްވާގޮތަށްކަމަށް އެތަން ފަރުމާކުރާ ނިއުޒިލެންޑްގެ ކުންފުނިން ބުނެއެވެ. މި ވިލާގައި ބެޑްރޫމަކާއި، ލިވިންގ އޭރިޔާއެއްގެ އިތުރުން ޖިމަކާއި ޑައިނިން ރޫމްއަކާއި ޕޫލްއެއްވެސް އޮންނާނެއެވެ. މި ވިލާގައި ހުންނައިރު އިރުއޮއްސޭ މަންޒަރާއި އިރުއަރާ މަންޒަރުވެސް ރީތިކޮށް ފެންނާނެއެވެ.

ރާއްޖޭގައި މީގެކުރިންވެސް ކަނޑުއަޑީގެ ރެސްޓޯރެންޓާއި ސްޕާތައް ހަދާފައިވާ ނަމަވެސް ކޮންރެޑުން ހަދާ ކަނޑުއަޑީގެ ވިލާ ވެނެގްދާނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މުޅިން ތަފާތު އައު ތަޖުރިބާއެއް ކޮށްލެވޭނެ ތަނަކަށެވެ.

ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ސްޓެފާނޯ ރުޒަރ ވިދާޅުވީ، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކަނޑުއަޑީގެ ރީތިކަން ދައްކާލަން އެ ރިސޯޓުން ބޭނުންވާކަމަށެވެ. އެގޮތުން މިއީ ފަތުރުވެރިންނަށް ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކޮށްލަން ލިބިގެންދާ ރަނުގެ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި މީގެ 13 އަހަރު ކުރިންވަނީ ކަނޑުގެ 4.9 މީޓަރުއަޑީގައި ރެސްޓޯރެންޓެއްވެސް ހަދާފައެވެ. ފަތުރުވެރިންގެ ފަރާތުން މިތަނަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.