ޚަބަރު

މަގުހެދުމުގެ މަޝްރޫޢުތަކުގެ މަސައްކަތް ސެޕްޓެމްބަރުމަހު ނިމޭނެ - ޑރ.މުޢިއްޒު


މަގުހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދާ ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު މުޅިން ނިންމާލާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

މަގުހެދުމުގެ ގިނަ މަސައްކަތްތައް މީގެކުރިން ކުރަމުން ގެންދިޔައީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެމް.އާރް.ޑީ.ސީއިން ނަމަވެސް، އެ ކޯޕަރޭޝަން އުވާލުމާއެކު މަގުހެދުމުގެ ގިނަ މަސައްކަތްތައް މިހާރު ކުރަން ހަވާލުކޮށްފައިވަނީ މިނިސްޓްރީގެ ދަށުން ހިންގާ ޕަބްލިކް ވޯރކްސްއާއެވެ. އެމްއާރްޑީސީއަށްފަހު، ޕަބްލިކް ވޯރކްސްއިން މިމަސައްކަތްތަކާ ހަވާލުވެ، ހުއްޓުމެއްނެތި މިހާރުވެސް ރަށްތަކުގެ މަގުހެދުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ޕަބްލިކް ވޯކްސްއާ ޙަވާލުކޮށްގެން 4ރަށެއްގެ މަގުހެދުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި އދ.މަހިބަދުއާއި، ރ.މީދޫއާއި، ހއ.ދިއްދޫއާއި، ހދ.ކުޅުދުއްފުށީގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މިހާރު ރ.އުނގޫފާރާއި، ބ.އޭދަފުއްޓާއި، ރ.ދުވާފަރާއި، އައްޑޫ ސިޓީ ހުޅުމީދޫއާއި، ފުވައްމުލަކާއި، ހދ.ހަނިމާދުއާއި، ލ.ފުނަދޫގެ މަގުހެދުމުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށްދާއިރު، މި ރަށްތަކުގެ މަގުހެދުމުގެ ހުރިހާ މަސައްކަތްތައް ސެޕްޓެމްބަރުމަހުގެ ނިޔަލަށް ނިންމާނެކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

ރަށްރަށުގެ މަގުތަކަކީ ދުއްވަން ފަސޭހަ ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތުގެދަށުން ގިނަ ރަށްތަކެއްގެ މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ.