ޚަބަރު

ފަތުވާގެ ނަމުގައި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކުމަށް އިސްލާމިކް މިނިސްޓަރ ގޮވާލައްވައިފި


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސް ފަށައިފިއެވެ. "ފަތުވާއަކީ އަމަންއަމާންކަމުގެ ވަސީލަތެއް" މި ނަމުގައި އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޮންފަރެންސްގެ ސަބަބުން ދެކުނު އޭޝިއާ ސަރަޙައްދުގައި އޮތް އެންމެ ހަރުދަނާ ފަތުވާ މަޖިލީހަށްވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ފަތުވާދޭ މަޖިލިސްތަކާއި ފަތުވާ ދިނުމާއި ފަތުވާ ނެރުމުގައި އަމަލުކުރާނެ ގޮތްތައް ދެނެގަތުމަށްޓަކައި ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިސްނަގައިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސް ގައި ރައްޖެއާއިއެކު 4 ޤައުމަކުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި މިސްރު، މެލޭޝިއާ، ޖޯޑަން އަދި ސޫދާންގެ ފަތުވާދޭ މަޖިލިސްތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި، ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާ އިލްމުވެރިންވެސް މި ކޮންފަރެންސްގައި ބައިވެރިވެއެވެ.

މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ ފަތުވާއަކީ ކޮންމެ ކޮންމެ މީހަކަށް ދެވޭނެ އެއްޗެއް ނޫންކަމަށާއި ފަތުވާ ދޭ މީހުންނަށް ރަނގަޅަށް އަރަބި ބަސް އެގެން ޖެހޭނެކަމަށެވެ. އަދި ފިޤްހީ އުސޫލްތަކާއި ފިޤްހީ ޤަވާއިދުތަކުގެ އިތުރުން ތަފްސީރު އިލްމާ ހަދީޘް އިލްމްވެސް އިނގެންޖެހޭނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެކަކުދޭ ފަތުވާއަށްވުރެ ޖަމަޢީ ފަތުވާގެ ބާރުހުންނާނެކަމަށާއި އެ ފަތުވާގައި އިސްލާމީ އުސޫލްތަކާއި ހަމަތައް އެކުލެވިގެންވާނެކަމަށްވެސް ޑރ ޒިޔާދު ވިދާޅުވިއެވެ. އަދި ޝޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންގެ މެދުގައި ފަތުވާގެ ނަމުގައި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ނުދެއްކުމަށްވެސް އިސްލާމިކް މިނިސްޓަރ ގޮވާލެއްވިއެވެ.

" ފަތުވާއަކީ އަމާނާތައް. ފަތުވާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ހަޒްރަތުން މީސްތަކުންނަށް ހުކުމްތައް އޮޅުއް ފިލުވައިދޭކަމެއް. އެހެންކަމުން ފަތުވާގެ ސަބަބުން އެއީ ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާންޖެހޭނެކަމެއް. މުޖުތަމަޢު އެކުވެރިކުރުވަންޖެހޭނެ ކަމެއް. މުޖުތަމައު ބައިބައިވެ ފިތުނަ ފަސާދަ އުފައްދާ ވަސީލަތަކަށް ފަތުވާވެގެން ނުވާނެ". ޒިޔާދު ވިދާޅުވިއެވެ.

ފަތުވާ މަޖިލީހުން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސަކީ އެ މަޖިލީހުން މިހާތަނަށް ޙާސިލުކުރި އެންމެ ބޮޑު ކާމިޔާބީކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި މި ކޮންފަރެންސްގެ ތެރެއިން އިސްލާމްދީނަށް ދައުވަތު ދިނުމާއި ފަތުވާ ދިނުމުގެ ތަފާތު އެނގިގެން ދާނެއެވެ.
އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސްގައި 3 ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، ޣައިރު މުސްލިމުންނާމެދު އަމަލުކުރާނެ އެންމެ އެކަށޭނެ ގޮތްތައް މި ކޮންފަރެންސްގައި އެނގިގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.