ކުޅިވަރު

98ގެ ތަރިންނަށްވުރެ ކުރިއަށްދާން ބޭނުން: ރަކިޓިކް


1998 ވަނަ އަހަރުގެ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދި ކްރޮއޭޝިޔާގެ ކުޅުންތެރިން ހޯދި ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދަން ބޭނުންވާ ކަމަށް ކްރޮއޭޝިޔާގެ މިޑްފީލްޑަރު އިވާން ރަކިޓިކް ބުނެފިއެވެ.
އޭނާ މިހެން ބުނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ މުބާރާތް ބާއްވާ ޤައުމު ރަޝިޔާ ޕެނަލްޓީ ޖަހައިހެން 4-3 ން ބަލިކުރުމަށްފަހުއެވެ.

" 98ގެ ކުޅުންތެރިންނަކީ ހީރޯއިން. އެކަމަކު އެމީހުން ހޯދި ކާމިޔާބީއަށްވުރެ ކުރިއަށްދާން އަހަރުމެން ބޭނުން. ހަޤީގަތުގައި އެ ޓީމުގެ ވާހަކަ ދައްކަން ވެސް އަހަރުމެން ބޭނުމެއްނޫން. އެއީ ޤައުމަށް ފަހުރާއި ޝަރަފު ހޯދާދީފައި އޮތް ޓީމެއް. އަހަރުމެންނަށް މިހާރު ފުރުސަތު ލިބިފައި މިއޮތީ އެ ކާމިޔާބީ ފަހަނައަޅައިދާން،" ރަޝިޔާ އަތުން މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ބުންޏެވެ.

1998ގެ މުބާރާތުގެ ސެމީ ފައިނަލުގައި ކްރޮއޭޝިޔާ ބަލިވީ މުބާރާތް ބޭއްވި ޤައުމު ފްރާންސް އަތުންނެވެ. ނަމަވެސް ތިން ވަނަ ހޯދައިގެން ޓީމު ރަށަށްދިޔައިރު ފޯވަޑް ޑާވޯ ސުކާ ވަނީ ރަންބޫޓު ވެސް ހޯދައިފައެވެ. އޭނާ އަކީ މިހާރު ކްރޮއޭޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސެވެ.
ރަކިޓިކް ބުނީ ހުރިހާ ކުޅުންތެރިން ވެސް ތިބީ މޮޅުވުމުގެ ރޫހުގައި ކަމަށާއި، މުޅި ޓީމުގައި މިހާރު އޮތީ އާދަޔާ ހިލާފު ޖޯޝަކާއި ފޯރިއެއް ކަމަށެވެ. ރަޝިޔާގައި މިހާރު ކުރިއަށްދާ ވަރލްޑް ކަޕުގެ ސެމީ ފައިނަލުގައި ކްރޮއޭޝިޔާ ނުކުންނާނީ އިނގިރޭސިންނާ ދެކޮޅަށެވެ.

" އެއީ މޮޅު ޓީމެއް. އެމީހުންނަކީ ކުރީގެ ޗެމްޕިއަނެއް. މިހާރުގެ ޓީމަކީ ވެސް މޮޅު ޓީމެއް. އެމީހުން އަންނަނީ ވަރަށް ފޯރީގައި ނަތީޖާތަކެއް ހޯދަމުން. މެޗު އުނދަގޫވާނެ،" ރަކިޓިކް ބުންޏެވެ.