ޚަބަރު

ޑރ.ޝަހީމަކީ ރައީސް ބޭނުންފުޅުވާ ފެންވަރުގެ ޢިލްމީ ބޭފުޅެއް - ޕީޕީއެމް


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓަކަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިޚްތިޔާރުކުރެއްވީ، އެމަނިކުފާނަކީ ދީނަށް ލޯބިކުރައްވާ ބޭފުޅަކަށްވެ، ރައީސް ބޭނުންފުޅުވާ ފެންވަރަށް ރާއްޖޭގައި ދީނީ ޢިލްމު ފަތުރުވާދެއްވޭފަދަ ޤާބިލު ބަސްމޮށުންތެރި ބޭފުކަށްވާތީކަމަށް ޕީޕީއެމުން ބުނެފިއެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ.މުޙައްމަދު ޝަހީމް ހަމަޖެއްސެވިކަން އިޢުލާންކުރުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ، ރަނިންމޭޓެއް ޢައްޔަންކުރެއްވުމުގައި ރައީސް ޔަމީން ވަރަށް ގިނަގޮތްގޮތުން ބެއްލެވިކަމަށެވެ. ޑރ.ޝަހީމަކީ، މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީންގެ ރަނިންމޭޓަކަށް އެންމެ ޤާބިލް ބޭފުޅާކަމަށް ޕީޕީއެމްގެ ކައުންސިލްގެ ހުރިހާ މެންބަރުން އިއްތިފާޤުވެވަޑައިގެންނެވިކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް ރަނިންމޭޓަކަށް އައްޔަންކުރެއްވުމަކީ ޕީޕީއެމުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ލިބުނު ބޮޑު ފުރުސަތެއްކަން ފާހަގަކުރައްވާ ޢަބްދުއްރަހީމް ވިދާޅުވީ، ޑރ.ޝަހީމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ވަރަށް މަޝްހޫރު، އަދި ވަޒީރުކަމާއި، ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަމުގެ މަޤާމު އަދާކުރެއްވާ، ވަރަށް ގިނަ ބައެއްގެ އިހްތިރާމައި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށެވެ.

މީގެ އިތުރުން ޑރ.ޝަހީމަކީ ރައްޔިތުންގެ އިޙްތިރާމް އޮތް ބޭފުޅެއްކަމުން ރައީސް ޔާމީނާއެކު އިންތިޚާބަށް ނިކުމެވަޑައިގެން އިންތިޚާބުގެ ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވުމަށްޓަކައި ރަނިންމޭޓަކަށް އެންމެ ޤާބިލް ބޭފުޅަކީވެސް ޑރ.ޝަހީމްކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވަނީ ރައީސް ޔާމީނާއި، އެމަނިކުފާނުގެ ރަނިންމޭޓް ޑރ.ޝަހީމަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އެދެބޭފުޅުންނަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ޕާޓީ އޮތީ ވަރަށް ތައްޔާރަށްކަމަށާއި، ޕާޓިގެ ހުރިހާ ގުނަވަނެއްގެ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީނާއި، ޑރ.ޝަހީމަކީ އެކުގައި ގުޅިވަޑައިގެން މަސައްކަތްކުރެވޭފަދަ މިޒާޖުގެ ގޮތުން އެއްގޮތް ދެބޭފުޅުންކަމަށްވެސް ޢަބްދުއްރަހީމް ސިފަކުރެއްވިއެވެ. އަދި ރާއްޖޭއަށާއި ޕީޕީއެމަށް އެންމެ ވަފާތެރި ނާއިބު ރައީސް މިފަހަރު ފެނިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުއ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ޕީޕީއެމް އެމްޑީއޭ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުންވެސް ރައީސް އިޚްތިޔާރުކުރެއްވި ރަނިންގމޭޓްގެ ނަންފުޅު އިޚްލާސްތެރިކަމާއެކު ބަލައިގަންނަކަމަށާއި، ޑރ.ޝަހީމަކީ ޕާލިމަންޓު މެންބަރުން އުއްމީދު ކުރެއްވިފަދަ ބޭފުޅެއްކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ޑރ.ޝަހީމް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވަޑައިގެން މަސައްކަތް ކުރައްވާނެކަމަށް ޕީޕީއެމުން ބުނެއެވެ.