ޚަބަރު

ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ޑރ.ޝަހީމް ހަމަޖަައްސަވައިފި


ކީރިތި ޤުރްއާން ހިތުދަސް ބޭފުޅެއްކަމަށްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންގމޭޓަކަށް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުގައި ހުންނެވި ޑރ.ޝަހީމަކީ ކުރިން އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޝަހީމަކީ ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އުމުރުފުޅުން 41 އަހަރުގެ ޑރ.ޝަހީމަކީ ކީރިތި ޤުރުއާން ހިތުދަސް ޙާފިޒެކެވެ.

ގއ. މާމެންދޫ އަށް އުފަން ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކީރިތި ޤުރްއާން ހިތުދަސްކުރެއްވީ ޕާކިސްތާނުގެ އަލް އަޝްރަފިއްޔާ ޔުނިވާސިޓީގައެވެ. އެމަނިކުފާނުވަނީ ޕާކިސްތާނުގެ އިމާމް އަބޫ ހަނީފާ ހަޔަރ އިންސްޓިޓިއުޓް ފޯރ ޓީޗާސްއިންވެސް ތައުލީމް ހާސިލް ކުރައްވާފައެވެ.

ޑރ.ޝަހީމް އިސްލާމިކް ޝަރީއާއިން ޑިޕްލޮމާ ހާސިލް ކުރެއްވީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީންނެވެ. އޭގެފަހުން ސަޢުދީ ޢަރަބިއްޔާގެ މަދީނާގެ އަލް މުނައްވަރަލް އިސްލާމިއްޔާ ޔުނިވާސިޓީން ތައުލީމް ހާސިލް ކުރެއްވިއެވެ. އިސްލާމީ ފިޤުހާއި އުސޫލުލްފިޤުހުން ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ ޑރ.ޝަހީމް ފަސްޓްޑިގްރީ އާއި މާސްޓާސްޑިގްރީ ހައްދަވާފައި ވަނީ އިސްލާމީ ޝަރީޢާއިންނެވެ. ޑރ.ޝަހީމް މަތީ ތަޢުލީމު ޙާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.

ޑރ.ޝަހީމް ކުރިން ބައެއް މީޑިއާތަކުގައި ވިދާޅުވެފައިވާގޮތުގައި ރާއްޖޭން ބޭރުގެ ތިން ޔުނިވާސިޓީއަކުން ވަޒީފާގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަތެވެ. އޭގެ ތެރޭގައި މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީއާއި، ގަތަރުގެ އިސްލާމިކް ޔުނިވާސިޓީ ހިމެނެއެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ހުރިހާވެސް ވިސްނުމެއްހުރީ ދިވެހި ޤައުމަށް ޚިދްމަތް ކުރެއްވުމަށް ކަމަށާ، ޑރ.މުޙައްމަދު ޝަހީމް ވިދާޅުވީ، ދަރިންނަށް ހިލޭ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތާއި، ބޮޑު މުސާރަތަކާއެކު ހުށަހެޅި އެ ހުށަހެޅުންތައް ދޫކޮށްލީ ޤައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށާއި، ކިޔަވައިގެން ތިއްބެވި ބޭފުޅުންގެ ކިދުމަތް މިއަދު ޤައުމަށް ބޭނުންވާތީ ކަމަށެވެ.