ޚަބަރު

ރިޔާސީ އިންތިހާބުގައި ފޮނަދޫ ރައްޔިތުން ރައީސް ޔާމީނަށް ދޭނީ އެއްވަނަ: އަބްދުއްރަޙީމް



ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވޯޓުން އެންމެ ބޮޑު ޕަސަންޓެއް ދޭ ރަށަކަށް ވާނީ ލ.ފޮނަދޫ ކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުރަޙީމް ވިދާޅުވީ، ދިވެހި ރައްޔިތުން ރައީސް ޔާމީންގެ ތަރައްޤީ ޤަބޫލުކޮށްފިކަމަށާއި އިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކައެއް ދެއްކިޔަސް، އަރާކޮން ރަށަކުން ރައީސް ޔާމީނަށް އޮތް ތާޢީދު ފެނިގެން ދާކަމަށްވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ގާތްވަމުން އަންނަ އިރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ބަދަލުތަކާ މެދު ފުންކޮށް ވިސްނާ ދެން އޮތް ފަސް އަހަރު ކުރިޔަށް ދާނީ ކޮން ވެރިއަކާ އެކުގައިތޯ ވިސްނަންޖެހޭ ކަމަށްވެސް އަބްދުރަޙީމް ވިދާޅުވއެވެ. އެގޮތުން އަންނަ ދައުރުގައި އާ މީހަކު ތަޖުރިބާކުރާ ބަޔަކަށް ދިވެހިން ވެގެން ނުވާނެކަމަށާއި އޭގެ ބަދަލުގައި ކުރިޔަށް ދާންވީ ތަޖުރިބާހުރި ބޭފުޅަކާއެކުގައި ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ ސަރުކާރު ހިންގެވުމުގެ ތަޖުރިބާ ހުރި ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގައި ތަޖުރިބާހުރި ބޭފުޅެއް. ދިވެހި ރާއްޖޭގައި ދިވެހި ގޮތްތަކަށް ފެތޭ ގޮތަށް މަސައްކަތް ކުރުމަށް ކެރިވަޑައިގަންނަވާ ބޭފުޅެއް. ދިވެހި ރާއްޖޭގެ ޘަޤާފަތް ދެނެވަޑައިގަންވާ ބޭފުޅެއް. ދިވެހިންގެ އާދަކާދަ ތަކަށް ލޯބި ކުރައްވާ ބޭފުޅެއް. ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކޮށް ދެއްވުމަށްޓަކައި ފުރާނައިން ޤުރުބާންވާން ތައްޔާރަށް ހުންނެވި ބޭފުޅެއް. މިފަހަރު ރައީސް ޔާމީންއާ ދެކޮޅަށް ވޯޓު ދެއްވާ ކޮންމެ މީހަކީ ދިވެހި ޤައުމާއި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ އަދުއްވުން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

ލ. ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރާނެކަމަށް އިއުލާންކޮށްފައިވާ އިބްރާހިމް މުހައްމަދު ސާލިހަށް ފާޑު ވިދާޅުވެ ބަހުގެ ހަމާލާތަކެއް ދެއްވާފައެވެ. އެގޮތުން އިބްރާހިމް މުހައްމަދު ސާލިހް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރުގެ މަޤާމުގައި ހުންނެވިއިރުވެސް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވިފައިނުވާކަމަށާއި އެހެންކަމުން ރައީސްކަމުގެ މަޤާމުގެ މަސްއޫލިއްޔަތުވެސް އިބްރާހިމް މުހައްމަދު ސާލިހަށް އަދާ ނުކުރެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.