ޚަބަރު

40 އަހަރުން މަތީގެ މީހުންނަށްވެސް ފްލެޓަށް އެދި ފޯމް ހުށައެޅޭނެ- މިނިސްޓަރ މުޢިއްޒު


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމުގައިވަ "ހިޔާ" މަޝްރޫޢަށް ސާޅީސް އަހަރުން މަތީގެ މީހުންނަށް ފޯމު ހުށަނޭޅޭކަމަށް ދެކެވޭ ވާހަކަތައް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ދޮގުކުރައްވައިފިއެވެ.

މިނިސްޓަރ ވިދާޅުވީ ހައުސިންގ ފްލެޓްތަކަށް ފޯމް ލުމުގައި 40 އަހަރުން މަތީގެ މީހުންނަށް ފޯމްލުމުގެ ފުރުޞަތު ބަންދުވެފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެގޮތުން ޒުވާނުންނަށް ޚާއްޞަ ކެޓަގަރީ ފިޔަވައި ދެން ހުރި ހުރިހާ ކެޓަގަރީއަކަށް ޢުމުރުން ކިތަންމެ މަތިވިޔަސް ފޯމް ހުށައެޅޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން 12 ކެޓަގަރީއަކަށް ފްލެޓަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު ޢުމުރު ކަނޑައަޅާފައިވަނީ އެންމެ ކެޓަގަރީއަކުންނެވެ. އެއީ އަށާރަ އަހަރާއި ސާޅީސް އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ޚާއްޞަ ކެޓަގަރީއެކަންޏެވެ. އެ ކެޓެގަރީއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1000 ފްލެޓެވެ. ބާކި ހުރި ކެޓަގަރީތަކަށް ޢުމުރު ކަނޑައަޅާފައެއް ނުވެއެވެ. މި ކެޓެގަރީ ފިޔަވައި ދެން ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭގެ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން ހައުސިންގ މިނިސްޓްރީން ވަނީ ފޯމު ބަލައިގަންނަ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި ހިޔާ މަޝްރޫޢުގެ ފޯމުތައް ބަލައިގަތުން ދަރުބާރުގޭގައި ކުރިއަށްދިޔަ ނަމަވެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެން ފޯމުތައް ބަލައިގަންނަމުންދާނީ ހައުސިންގ މިނިސްޓްރީންކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 1 ލައްކައަށްވުރެ ގިނަ މީހުންންގެ އާބާދީއަކަށް އަމިއްލަ ގެދޮރުވެރިކަން ޔަޤީންވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ސަރުކާރުން ތަރައްޤީކުރާ ހަތް ހާސް ފްލެޓުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.