ޚަބަރު

މާމިގިލީ ބައިނަލްއަޤްވާމީ ޕޯޓުން މުދާ އަންލޯޑްކުރަން ފަށައިފި


އދ.މާމިގިލީގައި ތަރައްޤީކޮށްފައިވާ ބައިނަލްއަޤްވާމީ ޕޯޓުން ފުރަތަމަ ފަހަރަށް މުދާ އަންލޯޑް ކުރުމުގެ މަސައްކަތް ފަށައިިފިއެވެ. މާމިގިލީގައި އަލަށް ތަރައްޤީކުރި ބަނދަރާއެކު އެސަރަޙައްދަށް އިޤްތިސާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ.

މާމިގިލީގައި ތަރައްޤީކޮށްފައިވާ ބައިނަލްއަޤްވާމީ ބަނދަރަކީ ދުއިސައްތަ ފަސްދޮޅަސް ތިންމީޓަރުގެ ބަނދަރެކެވެ. މާމިގިލީ ޕޯޓުން އެންމެ ފުރަތަމަ މުދާ ބޭލުމަށް ބަނދަރުކޮށްފައިވަނީ ސިންގަޕޫރުން މުދާ ހިފައިގެންއައި "ކިބި" ނަމަކަށްކިޔާ ކާގޯ ބޯޓެކެވެ. މި ބޯޓުން ތިންސަތޭކަ ޓަނާއި ގާތްކުރާ އަދަދަކަށްވަނީ މުދާ ގެނެސްފައެވެ.

މާމިގިލީ ބަނދަރަށް މުދާ ހިނފައިގެން އައި ބޯޓަށް މަރްޙަބާކިޔައި ޕޯޓުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާގް ޙަލީމެވެ.

ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުޙައްމަދު ޖުނައިދު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްކޮށްދިނުމަކީ މި ސަރުކާރާއި، ރައީސް ޔާމީނުވެސް އެންމެ އިސްކަމެއްދެއްވާ ކަންތައްކަމަށެވެ. އެގޮތުން ފަސޭހަކަމާއި އަވަސްކަމާއިއެކު މުދާ ބޭލުމުގެ ޚިދުމަތް ލިބިގެންދިއުމަކީ، މަޝްރޫޢުތަކަށް މަޑުޖެހުން ނައިސް ކަންކަން އަވަސް ސްޕީޑްގައި ނިންމުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ޖުނަދު ފާހަގަކުރެއްވިއެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މި ޕޯޓްގެ ސަބަބުން އާ ވަޒީފާތަކުގެ އިތުރުން ރަށަށާއި މުޅި ސަރަޙައްދައްވެސް އިޤްތިސާދީ ތަރައްޤީ އަންނާނެކަމަށެވެ. އަދި މާލޭ ބަނދަރަކީ ކެޕޭސިޓީއަށްވުރެ އިތުރަށްވެސް ޚިދުމަތްދެމުން އަންނަ ބަނދަރެއްކަމަށާއި، މާލޭގެ ބަނދަރުގެ ކެޕޭސިޓީއަށްބަލައި ޚިދުމަތް ދިނުމަށް ދަތިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާމިގިލީ ބަނދަރާއެކު އަންލޯޑް ކުރުމަށް ނަގާ ވަގުތާއި، ޚަރަދު ކުޑަވެ، އެ ފައިސާ ރާއްޖޭގެ އިޤްތިސާދުުގެ އިތުރު މުހިންމު ކަންކަމަށް ބޭނުންކުރުމަށް ސަލާމަތްކުރެވޭނެކަމަށެވެ.

މި ޕޯޓުން މުދާ ބޭލުމުގެ އިތުރުން، އިތުރު ވިޔަފާރިތައް ކުރުމަށް ބިންދޫކުރުމަށް ހަމަޖެހިފައިވާކަމަށާ، އެކަންކަންމަށް އިންވެސްޓް ކުރަން ބޭނުންވާ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ ބަނދަރުކޮށްފައިވަނީ ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ގެނައި ކާގޯބޯޓެއްނަމަވެސް ކުރިއަށް އޮތްތާނގައި އިތުރު ބާވަތްތަކުގެމުދާ މި ބަނދަރަށް ގެންނާނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
މާމިގިލީ ބައިނަލްއަޤްވާމީ ބަނދަރުގައި މިހާރުވެސް މާމިގިލީގެ 20 މީހަކު މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައި މުވައްޒަފުން އިތުރުކުރާނެކަމަށްވެސް އެމްޕީއެލްއިންވަނީ ބުނެފައެވެ.