ޚަބަރު

މާލޭގެ ދަފުތަރުގައި ޖެހުމުގެ ފުރުޞަތު ބުދަ ދުވަހު ހުޅުވާލަނީ


މާލޭގައި ދިރިއުޅެމުން އަންނަ ރަށްރަށުގެ މީހުން، މާލޭގެ ދަފްތަރުގައި ޖެހުމުގެ ހައްޤު ނިގުޅައި ގަނެވިފައިވާ ކަމަށާއި، ރައްޔިތުންނަށް އެ ފުރުޞަތު ބުދަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މާލޭގައި ކުރިއަށް ގެންދާ ތަރައްޤީގެ ބައެއް މަޝްރޫއުތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ހައުސިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "ހިޔާ" މަޝްރޫޢުގެ ފެލެޓަށް އެދޭއިރު، ގިންތި ކުރެވިފައިވާ އެއްވެސް ކެޓަގަރީއަކަށް ނުފެތޭ ފޯމް ހުށަހަޅަމުންދާ ކަމަށާއި، އެހެން ކަމުން އެފަދަ ފަރާތްތަކަށް މާލޭގެ ދަފްތަރުގައި ޖެހިގެން ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއާއެކު ދަފުތަރުގައި ޖެހުމުގެ ފުރުޞަތު އަންނަ ބުދަ ދުވަހު ހުޅުވާލާނެ ކަމަށާއި، އޭރުން ގިނަ ބަޔަކަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގައި މާލޭ ސިޓީ ކައުންސިލުން އިހްމާލު ވެފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ މާލޭގެ ދަފްތަރު އަޕްޑޭޓް ނުކުރާތާ 8 ވަރަކަށް އަހަރުވެދާނެ ކަމަށާއި، އެންމެ ފަހުން ދަފްތަރު އަޕްޑޭޓް ކޮށްފައިވަނީ 2009 ވަނަ އަހަރު ކަމަށެވެ. އެއާއެކު ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށާއި، ދިވެހި ރައްޔިތަކަށް ލިބިފައިވާ އެއްވެސް ހައްޤަކުން މަޙްރޫމު ކުރުމުގެ އިޚުތިޔާރު ސިޓީ ކައުންސިލަށް ލިބިގެން ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ކަމުން ހައުސިންގ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މާލޭގެ ދަފުތަރުގައި ޖެހެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހޯދައި ދިނުމަށް ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގެ ދަފުތަރުގައި ޖެހުމަށް ފޯމް ހުށަހެޅުމާއެކު، މިނިސްޓްރީން ސްލިޕެއް ދޭނެ ކަމަށާއި، އެހެން ކަމުން އެސްލިޕާއެކު ހިޔާ ފެލެޓަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅުމަކުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށާއި ފޯމް ލާ ފަރާތުގެ އައިޑީކާޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި އެހެން ކަމުން އެއްވެސް ފަރާތަކަށް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ގެއްލިގެން ނުދާނެ ކަމަށެވެ. ވޯޓާސް ލިސްޓަށް ބަދަލު އަންނަ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލުމާއެކު، ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމުލާމީހުންނަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ގެއްލިދާނެ ކަމަށްބުނެ ބައެއް މީހުން ވާހަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަލުން ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ އިރު ހައުސިންގ މިނިސްޓްރީންވަނީ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައެވެ.