ޚަބަރު

ބައިނަލްއަޤުވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވާ މިޞްރުގެ ވަފުދު ރާއްޖެވަޑައިގެންފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވާ މިޞްރުގެ ވަފްދު ރާއްޖެވަޑައިގެންފިއެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން އިސްނަގައިގެން "އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް"ގެ ނަމުގައި ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވާ މިޞްރުގެ ވަފްދަށް މަރުޚާބާ ދެންނެވީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ މަޖިލީހުގެ ރައީސް ފަޟީލަތުލްއުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްއާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަހުމަދު ޒިޔާދެވެ. މިސްރުގެ ވަފުދުގައި މުފްޠީ ފަޟީލަތުލްއުސްތާޛު ޑރ. ޝައުޤީ އިބްރާހީމް އައްލާމް ހިމެނެއެވެ. މިމަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން 4 ޤައުމަކުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ މިޞްރާއި ސޫދާނާއި އުރުދުން އަދި މެލޭޝިޔާއެވެ. މީގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ދީން ކިޔަވައިދެއްވާ މުދައްރިސުން ބައިވެރިވާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސް ވެގެންދާނީ ރާއްޖޭގައި ތަންފީޛު ކުރަމުންދާ އިސްލާމީ އުސޫލުތައް ތަންފީޒުކުރުމަށް، އެޅޭ ބޮޑުބާރަކަށެވެ. މިކޮންފަރެންސްގައި 3 ދާއިރާއަކުން 3 ކަރުދާސް ހުށަހަޅާ މަޝްވަރާކުރާނެއެވެ.

އެއްދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގައި ބާއްވާ މި ކޮންފަރެންސްއަކީ ފަތުވާގެ ޒަރިއްޔާއިން އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ބަދަހިކުރުމާއި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތުގައި ފަތުވާގެ ދައުރު ފުޅާކުރެވޭނެ ގޮތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ކޮންފަރެންސެކެވެ. އަދި އިސްލާމީ ބޮޑެތިޤައުމު ތަކުގެ ފަތުވާދޭ އެންމެ މަތީ މަޖިލިސްތަކާ ގުޅުންބަދަހިކުރުމާއި މިފަދަ ކަންކަމުގައި ރާއްޖޭގެ އެއްބާރުލުމުގެ ރޫހު ހާމަކޮށްދިނުމުގެގޮތުން ކުރިއަށްގެންދާ ކޮންފަރެންސެކެވެ.