ޚަބަރު

އަންނަ މަހު ބްރިޖް ހުޅުވާނަން- މިނިސްޓަރ މުއިއްޒު


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިޖާއި ގުޅޭ އެއްމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކުރައްވަމުން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖުގެ މަސައްކަތްތައް ކުރިއަށްދަނީ ތާވަލު ކުރެވިފައިވާގޮތަށްވުރެވެސް އަވަހަށް ކަމަށެވެ. އެހެން ކަމުން މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން އަންނަ މަސް ނިމުމުގެ ކުރިން ބްރިޖުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމަށް މިނިސްޓަރވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އެގްރިމެންޓްގައި ވާގޮތުން ބްރިޖްގެ މަސައްކަތް ނިންމަންޖެހެނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތް ކުރާ ކުންފުނިން ކަނޑައެޅިފައިވާ ދުވަހަށް ވުރެ އަވަހަށް މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން ދީފައިވާ ކަމަށެވެ. އަދި ޖުލައި 26 ވަނަ ދުވަހު ބްރިޖް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައި ނުވާނެ ކަމަށާއި، އެ ތާރީޚަކީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށް ވުމުން އެ ދުވަހަށް ބްރިޖް ނިންމޭތޯ މަސައްކަތް ކުރަނީ އެ މަސައްކަތް ކުރާ ކުންފުނިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހަކީ ފާހަގަކޮށްލެވޭފަދަ ތާރީޙީ މުހިއްމު ދުވަހެއް ކަމަށާއި، އެ ދުވަސް ޚާއްސަ ވަނީ ފުރަތަމަ ފަހަރަށް އެއްގަމު މަގުން މާލެއާއި ހުޅުލެއާ ގުޅާލެވޭތީ ކަމަށެވެ. އަދި އެއީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ދުވަހެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލެއާއި ހުޅުލެ ގުޅުވާލައި ނިމުމުން ދެން ކުރިއަށްދާނީ ބްރިޖް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްކަމަށާއި އެ މަސައްކަތުގެ ދަށުން ބްރިޖުގެ ޑެކުގެ މަތީގައި ތާރު އެޅުމާއި ލައިޓު ޖެހުމާއި ބްރިޖް ޒީނަތްތެރިކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖަކީ 1.39 ކިލޯމީޓަރ ދިގު 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖް ޑިޒައިންކޮށްފައިވަނީ ހަތަރު ލޭނަކަށް ބަހާލައިގެންނެވެ. އެގޮތުން ކާރާއި ޕިކަޕުފަދަ ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވުމަށް 2 ލޭން ޚާއްސަކޮށްފައިވާއިރު، ސައިކަލާއި ހިނގާފައި އުޅޭ މީހުންނަށްވެސް ބައެއް ޚާއްސަކޮށްފައިވެއެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ޚަރަދުވެއެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގޮތުގައި ހަދިޔާކޮށްފައިވާ ފައިސާއެވެ. އަދި ޗައިނާ އިން 170 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވަނީ ލޯނު އެހީގެ ގޮތުގައެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.