ޚަބަރު

ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމަނާއެކު އައްޑޫން ދެ މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނާއިއެކު ސ. ފޭދޫން ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފޭދޫގެ ފަޅުގެއްތެރޭގައި ބަނގުރާ އުފައްދާ ކަމަށް ފުލުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މި ދެމީހުންވަނީ ހައްޔަރުކޮށްފައެވެ. މި އޮފަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުން ހައްޔަރުކޮށް މިމީހުންތިބި ސަރަޙައްދު ބަލައިފާސްކުރި ކުރުމުން، ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ސާމާނާއި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 5 ލީޓަރުގެ ހަމަކާއި، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 500އެމްއެލްގެ ދެފުޅި އެސަރަޙައްދުން ފެނިފައިވާކަމަަށް ފުލުހުން ބުނެއެވެ.

މިދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން މިދެމީހުން ދޫކޮށްލާފައިވާކަަމަށް ފުލުހުން ބުނެއެވެ. މީގެއިތުރުން މި ޕްރޮގްރާމްގެ ތެރެއިން މިމަހުގެ ދެވަނަ ދުވަހު ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަރަދޫގެ ފަޅުގެއެއް ބަލައިފާސްކުރިކުރުމުގައި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނު ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. މިދެމައްސަލަ ސ.ގަން ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.