ޚަބަރު

އުރީދޫއިން "ނިރު އެކްސެލެރޭޓަރ" ގެ ނަމުގައި ޕްރޮގްރާމެއް ތަޢާރަފްކޮށްފި


އުރީދޫން "ނިރު އެކްސެލެރޭޓަރ" ގެ ނަމުގައި ރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް ތަޢާރަފްކޮށްފިއެވެ.

‎ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު އުރީދޫން ކުރިއަށްގެންދާ ޕރޮގްރާމެކެވެ.

"ނިރު އެކްސެލެރޭޓަރ" ޕްރްގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ މިކަމައްޓަކައި ސޯލްޓް ކެފޭ ރެސްޓޯރަންޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް ޢާދަމް އާއި ޔޫ.އެން.ޑީޕީގެ ރެސިޑެންޓް ކޯޑިނޭޓަރ، ޝޯކޯ ނޯޑާއެވެ.

"ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ގޮތަކަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން އުރީދޫން ކުރިއަށްގެންދާ މި އެކްސެލެރޭޓަރ ޕްރޮގްރާމް ހިންގާނީ، މުޖުތަމައުގެ އެއްބައިވަންތަކަން އިތުރު ކުރުމާއެކު، މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އިސްކަން ދީގެންކަމަށް އުރީދޫން ބުނެއެވެ.

މި ޕްރޮގްރާމް ރާއްޖޭގައި އަލަށް ފަށާއިރު މި އަހަރުގެ ޕްރޮގްރާމް ގެ ތީމްތަކަކީ "ގުޅިފައިވާ މުޖުތަމައު" ، "ގުޅިފައިވާ ސިޓީ"، 'މާލީ ޚިދުމަތްތައް" އަދި "ސްމާރޓް ޚިދުމަތްތައް"އެވެ.
މުޖުތަމަޢަށް ފައިދާކުރާނެ، އީޖާދީ ޚިޔާލަކާއި އާކޮންމެ ބޭފުޅަކަށްވެސް ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ސީ.އީ.އޯ ނަޖީބް ޚާން ވިދާޅުވީ، އަލަށް ފަށައިގަންނަ އަދި، ކުރިއަރަމުން އަންނަ ދިވެހި ވިޔަފާރިތަކަށް ކޮންމެ އަހަރަކު އެއް ފަހަރު، ހިންގާ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގައި ބައިވެރިވެ މުޖުތަމައު އަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫން އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ކުދި ވިޔަފާރިތަކާއި، އަރަމުން އަންނަ ވިޔަފާރިތަކަށް އުރީދޫން މަރުހަބާ ކިޔާކަމަށް އޭނާ ވިދާޅުވިއެވެ.

ނިރު އެކްސެލެރޭޓަރ އަކީ ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި، ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެކެވެ. މިގޮތުން، އެކްސެލެރޭޓަރ އަށް ހޮވާލެވޭ ޓީމް ތަކަށް ފުރަތަމަ މާލީ އެހީއެއްގެ ގޮތުގައި އެހީ ދިނުމާއެކު، 12 ހަފްތާގެ އިންޓެންސިވް މެންޓަރޝިޕް ޕްރޮގްރާމެއްގެ އިތުރުން ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތަކާއި، އެކްސްޕަރޓުންގެ ފަރާތުން ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެކަމަށް އުރީދުން ބުނެއެވެ.
ނިރު އެކްސެލޭޓަރގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުން އަންނަ އޮގަސްޓް މަހު ހެކަތޮން އެއް ބާއްވާނެ ކަމަށާއި، މި ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ޚިޔާލު ފަރުމާކުރުމަށާއި، ވިޔަފާރީގެ ފަށާނެ ގޮތުގެ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށްވެސް އުރީދުންވަނީ ބުނެފައެވެ.