ޚަބަރު

ރާއްޖެއިން ހޮންގކޮންގއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަނީ


ހޮންގކޮންގއާއެކު ފްރީ-ޓްރޭޑް އެގްރީމެންޓް ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ދިވެހިރާއްޖޭއިން ސޮއިކުރުމަށް މިހާރު ތައްޔާރުވަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤު ވިދާޅުވީ، މި ސަރުކާރުގެ ފާއިތުވި 4 އަހަރާއި ބައިގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރި މަސައްކަތަކީ ރާއްޖޭގެ އިޤްތިޞާދު ހަލުވިމިނުގައި ކުރިއަށްގެންދިއުމަށްޓަކާ ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ގޮންޖެހުންތައް ނައްތާލުންކަމަށެވެ. އަދި ރާއްޖެއަށް ބިޔަ އިންވެސްޓްމަންޓްތައް ގެނެސް، ޓޫރިޒަމަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކުރުމަށްޓަކާ ގިނަ މަސައްކަތްތަކެއް ފާއިތުވި މުއްދަތުގެ ތެރޭގައި ކޮށްފައިވާކަމަށެވެ.

ތަޢުފީޤު ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށްވިނަމަވެސް، ރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްޙޫރު މަންޒިލަކަށްވެފައި، ރާއްޖޭގެ އުފެއްދުންތަކަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ޝަޢުގުވެރިވާ މިންވަރު، ދިވެހި ރާއްޖެއިން ބައިވެރިވާ ބޭރުގެ ތަފާތު ފެއަރތަކާއި، ޕްރޮމޯޝަނަލް ހަރަކާތްތަކުން ހާމަވެގެންދާކަމަށެވެ.

ރާއްޖޭގެ އުފެއްދުންތަކަށް ބޭރުގެ މާކެޓުން ޖާގަ ހޯދުމަށް އޮތް އެންމެ ފަހި ފުރުޞަތަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުންކަން ފާހަގަކުރައްވާ ތަޢުފީޤު ވިދާޅުވީ، މިވަގުތު އެންމެ ޤައުމަކާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވީނަމަވެސް، ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށްޓަކާ އިތުރު ޤައުމުތަކަށްވެސް ދަޢުވަތުދީފައިވާކަމަށެވެ. އަދި ބައެއް ޤައުމުތަކުން މިހާރުވެސް އެކަމުގެ ޝަޢުގުވެރިކަން ފާޅުކޮށް، މަޝްވަރާތައް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ހޮންގކޮންގއާއެކު ވަރަށް އަވަހަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުންދާކަމަށް ޑެޕިއުޓީ މިނިސްޓަރ ތަޢުފީޤު ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދު މިހާރަށްވުރެ ބޮޑަށް ޑައިވަރސިފައި ވާންއެބަޖެހޭ. ރާއްޖޭގެ އުފެއްދުންތަކަށް ރަނގަޅު މާކެޓްތައް ލިބި، ބޮޑެތި މެގަ ޕްރޮޖެކްޓުތައް ރާއްޖެއަށް އެބަ އަންނަންޖެހޭ. ފްރީ ޓްރޭޑް އެގްރީމެންޓަކީ އަޅުގަނޑުމެން މި އުއްމީދުގައި ކުރަމުންދާ މަސައްކަތެއް. އަދި އެއް ޤައުމާއެއްކޮށް ފްރީޓްރޭޑް އެގްރީމަންޓް ޤާއިމުކުރެވިގެންދިޔައެއްކަމަކު އަޅުގަނޑުމެންވާނެ އިންވައިޓްކޮށްފައި އެހެނިހެން ޤައުމުތަކަށްވެސް. އަދި ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ ޝަޢުގުވެރިކަން ފާޅުކޮށްފައި. ކައިރި މުސްތަޤުބަލެއްގައި ހޮންގކޮންގއާއެކު ފްރީޓްރޭޓް އެގްރީމެންޓެއްގައި ސޮއިކުރެވިގެންދާނެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ވަމުން މިދަނީ" ތައުފީޤ ވިދާޅުވިއެވެ.

ހޮންގކޮންގއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުންދާއިރު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެކަމަށް ބޭނުންވާ މަޝްވަރާތައް ދެޤައުމުގެ ދެމެދު ވަނީ ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފައެވެ. މިފަދަ އެއްބަސްވުމެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މާލީ ބާޒާރަށާއި، ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ދިވެހިރާއްޖެއިން އެންމެ ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ޗައިނާއާއެކުއެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 7 ވަނަ ދުވަހެވެ.