ޚަބަރު

ފަތުވާ ކޮންފަރެންސްގެ ތައްޔާރީތައް ވަނީ ނިމިފައި - އިސްލާމިކް މިނިސްޓްރީ


ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ފަތުވާ ކޮންފަރެންސް ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މި ކޮންފަރެންސާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ މި ކޮންފަރެންސް ވެގެންދާނީ ދެކުނު އޭޝިއާ ސަރަޙައްދުގައި އޮތް އެންމެ ހަރުދަނާ ފަތުވާ މަޖިލީހަށް ވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

ފަތުވާދޭ މަޖިލިސްތަކާއި ފަތުވާ ދިނުމާއި ފަތުވާ ނެރުމުގައި އަމަލުކުރާނެ ގޮތްތައް ދެނެގަތުމަށްޓަކައި ފަތުވާދޭ އެންމެ މަތީ މަޖިލީހުން އިސްނަގައިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

މި ކޮންފަރެންސާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްސް ޑރ. އަހްމަދު ޒިޔާދު ވިދާޅުވީ މި ކޮންފަރެންސްގައި އިސްލާމީ ބޮޑެތި ޤައުމުތައްކަމުގައިވާ ސަޢޫދީ އަރަބިއްޔާ، މިސްރު، މެލޭޝިއާ، ޖޯޑަން އަދި ސޫދާންގެ ފަތުވާދޭ މަޖިލިސްތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެކަމަށެވެ. އަދި މީގެ އިތުރުން ރާއްޖޭގަ ތިއްބަވާ ދީނީ އިލްމުވެރިންނާއި، ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާ ދީނީ އިލްމުވެރިންވެސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގްނަވާނެކަމަށެވެ.

ފަތުވާ މަޖިލީހުން އިންތިޒާމުކުރާ މި ކޮންފަރެންސަކީ އެ މަޖިލީހުން މިހާތަނަށް ޙާސިލުކުރި އެންމެ ބޮޑު ކާމިޔާބީކަން ފާހަގަކުރައްވާ މިނިސްޓަރ ޒިޔާދު ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން އިސްލާމް ދީނަށް ދައުވަތު ދިނުމާއި ފަތުވާ ދިނުމުގެ ތަފާތު އެނގިގެން ދާނެކަމަށެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެމުން އިސްލާމީ ފަތުވާ ދޭ މަޖިލީހުގެ ރައީސް އައްޝައިހު މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަތުވާ މަޖިލީހެއް ވުޖޫދަށް އައިސްފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 888 އަހަރު ފަހުންކަމަށެވެ.

އައްޝައިހު މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ފަތުވާ ކޮންފަރެންސްވެގެން ދާނީ ރާއްޖެއަށް ޙާސިލުކުރެވޭ ބޮޑު ކާމިޔާބީއެއްކަމަށެވެ. އަދި މި ކޮންފަރެންސް ވެގެންދާނީ ރާއްޖޭގައި އިސްލާމްދީނުގެ އުސޫލުތައް ޤާއިމުކުރުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ކަމަށެވެ. މި ކޮންފަރެންސްގައި 3 ކަރުދާހެއް ހުށަހެޅުމަށް ހަމަޖެހިފައިވާކަމަށްވެސް އައްޝައިހު މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފަތުވާ މަޖިލީހުގެ ނައިބު ރައީސް އައްޝައިޚު އިބްރާހީމް އަޙްމަދު ވިދާޅުވީ ރާއްޖެއާއި ޚިލާފަށް މި ކޮންފަރެންސްގައި ބައިވެރިވާ ބައެއް ޤައުމުތަކަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމުތަކެއް ނޫންކަމުން، މި ޤައުމުތަކުގެ ފަތުވާ ކޮމިޓީތަކުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެވޭނެ ގިނަކަންކަން ހުރިކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާއިރު، ޣައިރު މުސްލިމުންނާމެދު އަމަލުކުރާނެ އެންމެ އެކަށޭނެ ގޮތްތައް މި ކޮންފަރެންސްގައި އެނގިގެންދާނެކަމަށްވެސް ޝައިހް އިބްރާހިމް އަޙްމަދު ވިދާޅުވިއެވެ.

"ފަތުވާއަކީ އަމަންއަމާންކަމުގެ ވަސީލަތެއް" މި ތީމްގެ ދަށުން އެއް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައެވެ.