ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރަނީ


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ޙާއްސަ އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިކޮނޮމިކްސް މިނިސްޓްރީން ބުނެފިއެވެ. ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤު ވިދާޅުވީ ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީގޮތުން ދިމާވާ ތަފާތު ގޮންޖެހުންތައް ކަމަށާއި، އިންވެސްޓްމަންޓް ބޭންކަކާއެކު މިފަދަ ހުރަސްތައް މުޅިން ނެތިގެންދާނެކަމަށެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އަމަދްނީއަށްކަމަށެވެ. ޤައުމެއްގެ ކުރިމަގު ބިނާކުރުމުގައި އެ ޤައުމެއްގެ އިޤްތިޞާދީ ހާލަތު ވަރަށް މުހިއްމު ދައުރެއް އަދާކުރާއިރު ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. އަދި މިކަން ކުރެވެން އޮތްގޮތަކީ އުފެއްދުންތެރިކަމުގެ ސިނާޢަތް މިހާރަށްވުރެ ބޮޑަށް ރާޢްޖޭގައި ފުޅާކޮށް، އާ އީޖާދީ އުފެއްދުންތައް އުފެއްދުމުގެ މަގުފަހިކޮށްދެވިގެންކަން ތަޢުފީޤު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުކޮށް އެމީހުންގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މި ސަރުކާރުން އެކިގޮތްގޮތުން މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ތަޢުފީޤު ވިދާޅުވީ، ދިވެހިރާއްޖެ ތަރައްޤީވަމުންދާ ނިސްބަތަށް ބަލާފައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ޚާއްސަ އިންވެސްޓްމަންޓް ބޭންކެއް ރާއްޖޭގައި ޤާއިމުވެފައިނެތުންކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވާ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓް ފޯރަމްތަކުގެ އަލީގައި ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

" ދާދި ފަހުން ސާރކުގެ ޗެމްބަރ އޮފް ކޮމަރސްއިން ޗައިނާގެ ސީ.ސީ.ޕީ.އައި.ޓީ އާއި ގުޅިގެން ކުންމިންގ ފެއަރގެ ސައިޓްލައިންގެ ތެރެއިން ބޭއްވި ފޯރަމްތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވިން. މި ފޯރަމްތަކުގެ ތެރެއިން އަޅުގަނޑުމެންވާނެ ރާއްޖޭގެ ތަރައްޤީގެ ދުވެލި ހުރި މިސްރާބާއި، ރާއްޖޭގެ އެސް.އެމް.އީ ސެކްޓަރއަށް ހުރި ގޮންޖެހުންތަކަކީ ކޮބައިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވޭ. އަދި ކުދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށްޓަކާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މިވަގުތު ރާއްޖޭގައި ވަރަށް ބޮޑެތި ޗެލެންޖްތަކެއް އެބަހުރި. އެހެންކަމުން އެފަރާތްތަކަށް ކުރިއަށްދިއުމަށްޓަކާ އިންވެސްޓްމަންޓް ބޭންކެއްގެ މުހިއްމުކަމުގެ ވާހަކަ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރިން. މިކަން ހައްލުކުރުމަށްޓަކާ ސަރުކާރުން މިހާރުވެސް ވަރަށް މަސައްކަތް ކުރަމުން ގެންދަން" ޢާދަމް ތަޢުފީޤު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤު ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރުމަށްޓަކާ ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން ޗައިނާ، މެލޭޝިއާ އަދި ސިންގަރޕޫރު ފަދަ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި މިއީ ރާއްޖެއަށް މިހާރަށް ކޮންމެހެންވެސް މުހިއްމު ބޭންކެއްގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން މިހާރުވެސް ޗައިނާއާއެކުވެސް، އަދި އެހެން ޤައުމުތަކުގައި މިހާރުވެސް އުފެދިފައިހުރި އިންވެސްޓްމަންޓް ބޭންކުތަކާއެކު މަޝްވަރާތައް ކުރަމުން މިދަނީ. އަދި ހަމަ އަޅުގަނޑުމެން މިއުޅޭނީ ނެގޯޝިއޭޝަން ސްޓޭޖުގައި. މި ސަރުކާރުން ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ލޯން ޕްރޮގްރާމްތައްވާނެ ހިންގާފައި. އިންވެސްޓްމަންޓް ބޭންކާއި، އަދި އެސް.އެމްއީ ސެކްޓަރ ހަރުދަނާކުރުމަށްޓަކާ ވަރަށް ފަހުންވެސް އަޅުގަނޑުމެންގެ ޓީމެއް މެލޭޝިއާއާއި ސިންގަރޕޫރަށްވެސް ގޮސް އެޤައުމުތަކުގެ އެސް.އެމް.އީ ސެކްޓަރއާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް، އެބޭފުޅުންގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން ވާހަކަދެއްކިން. ރާއްޖޭގެ ތަރައްޤީއަށް މިފަދަ އިންވެސްޓް ބޭންކެއް ޤާއިމުވެފައި އޮތުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި ވަރަށް މުހިއްމުކަމެއް " އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤު ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް މިދާއިރާއިން ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދީ، މި ދާއިރާއަށް މުޅިން އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ނުވަތަ ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން މި ސަރުކާރުން ފުޅާ ދާއިރާއެއްގައި އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ސަރުކާރުން 2015 ވަނަ އަހަރުގެ ތެރޭގައި އިޢުލާންކޮށްފައިވާ އެސް.އެމް.އީ ލޯން ސްކީމް ޕްރޮގްރާމާއި، ޒުވާނުންނަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ "ގެޓްސެޓް" ޕްރޮގްރާމުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.