ޚަބަރު

އަސްކަރިއްޔާގެ ވަޒީފާތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި


ގިނަ ދާއިރާތަކުން ދިވެހި އަސްކަރިއްޔާގެ ވަޒީފާތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީން ވަނީ 10 ދާއިރާއަކުން ދިވެހި އަސްކަރިއްޔާގެ ވަޒީފާތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އޭގެ ތެރޭގައި މެރިންކޯރ، ސްޕެޝަލް ފޯރސަސް، ފަޔަރ އެންޑް ރެސްކިއު ސާރވިސް، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، ކޯސްޓްގާރޑް، މިލިޓަރީ، މެޑިކަލް ސާރވިސް، އިންޖިނިއަރސް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް، އަދި ސަޕޯޓް ސާރވިސް ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް، އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހޭކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އުމުރުފުރާ ބަލާ ތާރީޚަކީ 31 ޖުލައި 2018 ކަމަށް މިނިސްޓްރީން ވަޒީފާއަށް ހުޅުވާލާ ޢާންމު ކުރި އިޢުލާނުގައި ބުނެފައި ވެއެވެ.

ސިފައިންގެ ވަޒިފާތަކަށް އެދޭ މީހާއަކީ ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ވެގެން ނުވާނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސިފައިންގެ ވަޒީފާތަކަށް ކުރިމަތިލާ ފިިރިހެނަކުނަމަ އިސްކޮޅުގައި ފަސްފޫޓު ފަސް އިންޗި، އަދި އަންހެނަކު ނަމަ ފަސް ފޫޓު ތިން އިންޗި ހުންނަން ވާނެ ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ވަޒިފާއަަށް މީހުން ހޮވުމުގައި އިންޓަވިއުތަކަށާއި، އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް ޓެސްޓާއި އެޕްޓިޓިއުޓް ޓެސްޓުން ހޯދާ ނަތީޖާތަކަށް ބަލާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ސިފައިންގެ ވަޒީފާތަކަށް އެދުމުގެ ފުރުޞަތު މިމަހުގެ 10 އިން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް ޑިފެންސް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.