ވިޔަފާރި

އެސް.ޓީ.އޯއިން އިތުރު 2 ކޮޅުވެއްޓި ރާއްޖެގެނެސްފި


ސަރުކާރުގެ ވިޔާފާރީގެ މައި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯގެ މުދާ އުފުލުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އިތުރު 2 ކޮޅުވެއްޓި ރާއްޖެގެނެސްފިއެވެ.

"އިތާ" އަދި "އައިލަ"ގެ ނަމުން ނަން ދީފައިވާ މި ކޮޅުވެއްޓީގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށްޓަވައިދެއްވީ އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތެއްގައި އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރެވެ. އެސް.ޓީ.އޯއިން އަލަށް ރާއްޖެގެނައި މި 2 ކޮޅުވެއްޓީގެ ތެރެއިން، "އިތާ"އަކީ 250 މެޓްރިކް ޓަނުގެ 42.10 މީޓަރު ދިގު ކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓީގައި 5000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެކަމަށް އެސް.ޓީ.އޯއިން މަޢުލޫމާތުދެއެވެ. އަދި 200 މެޓްރިކް ޓަނުގެ 37.50 މީޓަރުގެ ދިގުމިނުގެ "އައިލަ" ނަންދެވިފައިވާ ކޮޅުވެއްޓީގައި 4000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެއެެވެ.

މި 2 ކޮޅުވެއްޓީގެ އޮޕަރޭޝަންތައް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، މި 2 ކޮޅުވެއްޓީގެ ސަބަބުން އެހެންބަޔަކަށް ބަރޯސާނުވެ އެސް.ޓީ.އޯގެ ރީޖަނަލް އައުޓްލެޓްތަކަށް ފަސޭހަކަމާއިއެކު މުދާ ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މި އުޅަނދުތަކަކީ ބަރާބަރަށް މެއިންޓެއިން ކުރެވި އައި.އެސް.އޯ މިންގަނޑަށް އޮޕަރޭޓް ކުރެވޭނެ އުޅަނދުތަކެއްކަން ޝަހީރު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމަށް ބޭނުންވާ ލަކުޑި އުޅަނދު ކުއްޔަށް ހިފުމަށާއި، ބެލެހެއްޓުމަށް ކޮންމެ އަހަރަކު ވަރަށް ބޮޑުހަރަދެއް ހިނގާ ކަމަށް އެސް.ޓީ.އޯއިން ބުނެއެވެ. އަދި އިންޑޮނޭޝިއާއިން ރާއްޖެއަށް އަލަށް ގެނައި މި 2 ކޮޅުވެއްޓީގެ ސަބަބުން މިހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ޑެމަރޭޖްގެ ގޮތުގައި އެސް.ޓީ.އޯއިން ދައްކަންޖެހޭ ފައިސާގެ ޢަދަދުވެސް އެތައް ގުނައެއް ކުޑަވާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.