ދަރުމަވަންތަ ހޮސްޕިޓަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާވެ ހަރުދަނާވެގެންދާނެކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެންވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށާ މިހާރު މަސައްކަތް ގޮސްފައިވާ ހިސާބާމެދު ހިތްހަމަޖެހޭކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް މެދުވެރިކޮށް ރާއްޖޭގެ މެޑިކަލް ޓޫރިޒަމް ތަޢާރަފްކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށާއި އެކަން ހަޤީގަތަކަށް ހެދިގެންދާނެކަން މިއަދު ޔަގީންވެއްޖެކަމަށެވެ.
މީގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކަ ފެނުނީ ލިޔެކިއުންތަކުން ކަމަށާ، މިހޮސްޕިޓަލް ހަމަލޮލަށް ފެނިވަޑައިގަތުމުން ރާއްޖޭގެ އިގްތިޞާދަށް އަންނާނެ އިންޤިލާބީ ބަދަލު ސިފަވެގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހޮސްޕިޓަލްގެ ސަބަބުން ސިއްޙީ ދާރިއާގައި މީގެ ކުރިން ލިބެން ނެތް އެތައް ޚިދުމަތްތަކެއް އަލަށް ލިބެން ފެށުމުން ދިވެހިން އާސަންދަ މެދުވެރިކޮށް ބޭރަށް ދާދިޔުމަށް ކުރާ ހޭދަކުޑަކުރެވި، ރާއްޖެއަށް ވަންނަ ޑޮލަރު ލިބުމުގައި ދިމާވާ ތާށިކަންވެސް ކުޑަކުރވިގެންދާނެކަން މިނިސްޓަރ މުނައްވަރު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމް ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް ރާވާލާފައިވާ ގޮތުން ޚިދުމަތް ހޯދަން ދާފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއް ކުރާނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އާ ޢިމާރާތުންކަމަށާ ބާ ޢިމާރާތް ބޭނުންކުރަނީ ހަމައެކަނި ބަލިމީހުން އެޑްމިޓްކުރުމަށް ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.
އަދި މެޑިކަލް ޓޫރިޒަމް ރާއްޖެއަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތަށް ޚާއްސަކޮށްގެން ވަކި ދެ އެޕާޓްމަންޓް މިހޮސްޕިޓަލުގައި މިކަމަށް ޚާއްސަކޮށްފައިވާކަން ރިޝްވާން ފާހަގަކުރެއްވިއެވެ. އަދި ދިވެހިން ޢާއްމުކޮށް އެޑްމިޓްވާން ދާއިރު އެނދު ނުލިބުމުގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަނީ ޕީއެސްއެމްއާއި ޙިއްސާކުރައްވާފައެވެ. ރިޝްވާން ވިދާޅުވީ އެގޮތަށް އެމައްސަލަ ދިމާވާ އެއް ސަބަބަކީ ބޭރުން އަންނަ ފަރާތްތަކާއި ވީއައިޕީ ފެންވަރުގެ މީހުނަށް އެނދުތައް ދޭންޖެހުންކަމަށެވެ. އެގޮތުން މިމައްސަލަ ޙައްލުކުރުމަށް އަލަށް ތަރައްޤީކުރާ ދަރުމަވަންތަ ހޮސްޕިޓަލުގައި ވީއައިޕީ އަށް ޚައްސަ 3 އެޕާޓްމަންޓް ހުންނާކަމަށާއި މީގެ ސަބަބުން ޢާއްމުނަށް ހެޔޮ އަގުގައި ލިބެން ހުންނަ އެނދު ފަސޭހަ ކަމާއެކު ލިބެން ހުންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތުގެ އަށްޑިހަ އިންސައްތަ ނިމިފައިވާއިރު މިހާރު ކުރަމުންދަނީ އެކި ފްލޯރ ތަކުގައި ހަރުކުރަންޖެހޭ މެޝިނަރީސް ހަރުކުރުމުގެ މަސައްކަތްތަކެވެ. މި ހޮސްޕިޓަލަކީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން ޢިމާރާތްކުރާ ތަނަކަށްވުމުން އެހޮސްޕިޓަލަށް ޢާމްދަނީ ލިބޭނެ ގޮތް ފަހިކުރުމަށްޓަކާ އެހޮސްޕިޓަލުގެ އެންމެ މަތީ އޯޕަން އޭރިއާގައާއި އިތުރު ތަނެއްގައި ރެސްޓޯރެންޓެއްގެ ޚިދުމަތް ޢާއްމުކޮށް ހުޅުވާލާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އަދި މިހޮސްޕިޓަލްގެ ޚިދުމަތް ފެށުމުން ރައްޔިތުންގެ އަތް ފޯރާ ހިސާބުގައި ސިއްޙީ ބޮޑެތި ޚިދުމަތްތަކެއް ލިބެން ހުންނާނެކަން އެފަރާތުން ފާހަގަކުރެއެވެ.