ޚަބަރު

މެންބަރުން ހަމަނުވުމުން މިއަދުވެސް ވޯޓަށް ނާހައި މަޖިލިސް ނިންމާލައިފި


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް ވޯޓަށް އަހުމަށް އެކަށީގެންވާ މިންވަރަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ވޯޓަން ނާހާ މަޖިލިސް ނިންމާލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައިވަނީ އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށަހެޅި ބިލާއި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހުގެ ބިލެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް މުޙައްމަދު ވިދާޅުވީ ވޯޓަށް އެހުމަށް ބޭނުންވާ ޢަދަދަށް މެންބަރުން ހާޒިރުވެ ނެތުމުން މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ.

މަސީޙް ވިދާޅުވީ ވޯޓަށް އަހަން އޮތް ދެ ބިލަކީވެސް ވަރަށް މުހިއްމު ދެ ބިލެކެވެ. އެގޮތުން އެއީ ކުރިއަށްއޮތް ފަސް އަހަރާ ގުޅޭ ގޮތުން ދިވެހި ރައްޔިތުން ނިންމަވާ ނިންމެވުމަކާ ގުޅޭ ގޮތުން ވަރަށް މުހިންމު ނިންމުމެއް ކަމަށްވެސް މަޞީޙް ވިދާޅުވިއެވެ.

އެހެންކަމުން ދެން ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލިސް ޤަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރަން އެދޭ ކަމަށްވެސް މަޞީހް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާހުގައިވާ ގޮތުގައި ބޭރު ޤައުމަކުން ޙިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެ ޤައުމެއްގެ ޙިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭނެއެވެ. ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ ދެވަނަ އިޞްލާޙުގައި ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން ހުށަހަޅާ އިދާރީ ފީ ބޮޑުކުރަން ހުށަހަޅާފައެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ވަނީ 27 މެންބަރުންނެވެ. އިދިކޮޅު އެއްވެސް މެންބަރަކު މިއަދުވެސް ޖަލްސާއަށް ހާޒިރެއްނުވެއެވެ. ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވެސް ވޯޓަށް އަހާނެ ވަރަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ވޯޓަން ނާހާ މަޖިލިސް ނިންމާލިއިރު އިއްޔެގެ ޖަލްސާވެސް ނިންމާލެއްވީ ވޯޓަށް އެހުމަށް އެކަށީގެންވާ ވަރަށް މެންބަރުން ނެތުމުންނެވެ.