ޚަބަރު

ކަރެކްޝަނަލް ސާރވިސްގެ ނަން ބަދަލުކުރުމަށް އިސްލާޙެއް


މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ނަން ނެޝަނަލް ޕްރިޒަންސް ސާރވިސްގެ ނަމަށް ބަދަލު ކުރުމަށް ސަރުކާރުގެ ފަރާތުން އިސްލާހެެއް ހުށަހަޅައިފިއެވެ.

ޖަލުތަކާއި ޕެރޯލުގެ ޤާނޫނުގެ ދަށުން ކަރެކްޝަނަލް ސާރވިސްގެ ނަން ނޭޝަނަލް ޕްރިޒަންސް ސާރވިސްގެ ނަމަަށް ބަދަލު ކުރުމަށް އިސްލާހަށް ހުށަހެޅީ މާވަށު ދާއިރާގެ މެމްބަރު އަޙުމަދު އަޒުހާން ފަހުމީއެވެ. އެއާއެކު ސަރުކާރުން ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ޖަލްސާގައި ވަނީ އަޑު އިއްވާފައެވެ.

އަޒުހާން ފަހުމީ ހުށަހެޅުއްވި ބިލުގައި ވަނީ މަޖިލީހުން އެބިލު ފާސްވެ، ބިލު ތަޞްދީޤު ކުރާ ދުވަހުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ނަން ނޭޝަނަލް ޕްރިޒަންސް ސާރވިސްގެ ނަމަަށް ބަދަލު ކުރުމަށާއި، އެ ސާރވިސްގެ ނަން ބަދަލުވި ނަމަވެސް މިހާރެކޭވެސް އެއްފަދައިން އެއީ ސިވިލް ސާރވިސްގައި ނުހިމެނޭ އަދި ޔުނީފޯމް އެޅި އޮފިސަރުން ހިމެނޭ މަދަނީ ޚިދުމަތެއް ކަމުގައި އޮންނަން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

އެ ބިލުގައި ވަނީ ޖަލުތަކާއި ޕެރޯލުގެ ޤާނޫނުގައި ހިމެނޭ އެހެން މާއްދާތަކަށް އިސްލާޙު ގެނައުމަށް ހުށަހަޅާފައެވެ. އެގޮތުން ޕްރިޒަންސް ސާރވިސްގެ ހުރިހާ މުވައްޒަފުންނަށް ވެސް މަޤާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނަރަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް މިހާރެކޭ އެއްގޮތަށް ޝަރަފުގެ ނިޝާން ދޭނީ މިނިސްޓަރު ކަމަށް އެ އިސްލާޙުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖަލުތަކާއި ޕެރޯލުގެ ޤާނޫނުގެ ދަށުން މީހުން ދޫކުރުމާއި ބޯޑުގެ ޒިންމާ އަދާ ކުރުމަށް ޕްރިޒަން ސާރވިސްގެ އިދާރީ އޮނިގަނޑުގައި ވަކި ޑިޕާރޓްމެންޓެއް އުފައްދަން ޖެހޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނާފައެވެ.