ޚަބަރު

އައްޑޫ ސިޓީން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި


އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ މީހެކެވެ. ކޯޓު އަމުރެއްގެ ދަށުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 4 ރަބަރު ޕެކެޓު މިމީހާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި 15 ދުވަހު ބަންދުގައި ބެހެއްޓުމަށްވަނީ އަންގާފައެވެ.

މިމައްސަލަ ގަން ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.