ޚަބަރު

އެމް.ޑީ.ޕީގެ ޕީ.ޖީ ލީޑަރަކަށް ހުރެ ނުދެއްކުނު ޤާބިލުކަމެއް ދެންވެސް ނުދެއްކޭނެ - އަބްދުއްރަހީމް


އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުރެ ނުދެއްކުނު ޤާބިލުކަމެއް އެހެން މަޤާމެއްގައި ހުރެވެސް ނުދެއްކޭނެކަމަށް ވިދާޅުވެ އިބްރާހިމް މުހައްމަދު ސާލިހަށް ބަހުގެ ހަމަލާތަކެއް ޕީ.ޕީ.އެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވައިފިއެވެ.

ށ. މިލަންދޫގައި ވާހަކަފުޅުދައްކަވަމުން އަބްދުރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓަކު ނެރުމުގެ ބޭނުމުގައި އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުޙައްމަދު ސާލިހް އިޚްތިޔާރުކޮށްފައިވާތީ އެކަމަށް މަރުހަބާ ކިޔާކަމަށެވެ. އެހެންނަމަވެސް ދިވެހިންނަށް އެންމެ ބޭނުންވި ވަގުތުތަކުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ގޮތުގައި ހުރެ ނުދެއްކުނު ޤާބިލުކަން އިބްރާހިމް މުހައްމަދު ސާލިހަށް ދެއްކިދާނެތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރަސީ އާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން އަންނަކަމަށާއި ނަމަވެސް ދިވެހިންނަށް އެތަށް ގުނައެއްގެ ފައިދާތަކެއް ލިބެމުން ދިޔަ ދިވެހިންގެ މައި އެއަރޕޯޓު އަވައްޓެރި ބޭރުގެ ޤައުމެއްގެ ވިޔަފާރި ކުންފުންޏަކަށް ނުއަޤުގައި ދޫކޮށްލިއިރު އެކަން އެމްޑީޕީން ކުރީ ޑިމޮކްރަސީގެ ކޮން އުސޫލަތަކަށް ތަބާވެގެންތޯވެސް އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެކަން އެމްދީޕީން ނިންމިއިރު އޭރުވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ އިބްރާހިމް މުހައްމަދު ސާލިހްކަމަށް އަބަދުއްރަހީމު ވިދާޅުވިއެވެ.

" އެއްވެސް ހާލެއްގައި ރިޔާސީ ކެނޑިޑޭޓަށް ފާޑުކިޔާކަށް ނޫން. އޭރު މާލިއްޔަތު ޤާނޫނު އޮންނަ ގޮތުން އެފަދަ އެގްރީމަންޓެއްގައި ސޮއިކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން މަޖިލީހުން އެކަމަށް ބަހެއް ބުނެގެން އޭގެ އަލީގައި. އޭރު އަޅުގަނޑުމެން ތިބީ އިދިކޮޅުގައި. މަޖިލީހުން ނިންމީ އެއެގްރީމެންޓް މަޖިލީހަށް ގެންނާށޭ. އެކަމު އެގޮތަށް އަމަލުނުކުރީމަ އަޅުގަނޑުމެން މާލިއްޔަތު ޤާނޫނަށް އިސްލާހެއް ގެނެސް ތަސްދީގު ކުރަން ފޮނުވާފައި އޮއްވައި އެއަށް ބަލާލުމެއް ނެތި ނުއަގުގައި އެއަރޕޯޓް ޖީ.އެމް.އާރަށް ވިއްކާލީ." އަބްދުއްރަހީމު ވިދާޅުވިއެވެ.

އެކެއް ފެބްރުއަރީގައި ޝަރުޢީ ނިޒާމުގެ ތެރެއިން ގެންނަން މަސައްކަތްކުރި ބަޣާވާތަކީ ޑިމޮކްރަސީގެ ކޮން ހަމައަކުން ގެންނަން މަސައްކަތްކުރި ކަމެއްތޯ ސުވާލު އުފައްދަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިފަދަ ކަންކަން ހިނގާދިޔައިރު، މިކަންކަމުގެ ޒިންމާ ނަގަންޖެހޭ ބޭފުޅުން އޭރު ޒިންމާ ނުނަންގަވައި މާދަމާ ރައްޔިތުންގެ މައްޗަށް ބަސްބުނަން ވަޑައިގެން ނެންގެވޭނީ ކޮން ޒިންމާ އެއްތޯ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމަށެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީން ދެއްވަންޖެހޭ ޖަވާބު ނުދީ މަޖިލީހުގެ ޤަވާއިދުން މަތިކޮށްފައިވާ ޒިންމާވެސް އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް އިހްމާލުވެފައިވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

" މަޖިލީހުގެ ގަވައިދުގައި ހަމަޖެހިފައި އޮންނަ ގޮތުން އެމަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށް އޮންނަ އަހަރަށް ހުށައަޅުއްވާ ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަކީ އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގައި ހުންނަވާ ޕީ.ޖީ ލީޑަރު އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް. ވޭތުވެދިޔަ 4 އަހަރު އެމަގާމުގައި ހުންވި އިބްރާހީމް މުޙައްމަދު ސޯލިޙް ހަތަރު އަހަރުދުވު އެމަނިކުފާނު އެކަން ކުރައްވާފައެއްނުވޭ. މަޖިލީހުގެ ގަވާިދުގައި ބުނާ މަސްއޫލިއްޔަތަކަށްވަނީ އިހުމާލުވެވަޑައިގެންފައި. މިވަރުގެ ކަންތައްތައް ނުކުރެވޭ ބޭފުޅަކު މުޅި މިޤައުމުގެ ކަންކަން ކުރަން ޖެހުނީމަ ދެން އުފުލޭނީ ކޮން ޒިންމާއެއްތޯ މިއަދު ރައްޔިތުން އެބަޖެހޭ ވަރަށް ބޮޑަށް ވިސްނާލަން." އަބްދުއްރަހީމު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޑިމޮކްރަސީގެ ނަމުގައި ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ދިޔަ ނަމަވެސް، މިރާއްޖޭގައި ޑިމޮކްރަސީގެ ހަމަތައް ހަމައެކަނި ގެންގުޅެނީ ޕީ.ޕީ.އެމުން އެކަނި ކަމަށެވެ. ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމާއި ޕާޓީގެ ޓިކެޓް ދިނުން ފަދަ ކަންކަންވެސް ހިންގަމުންދަނީ ޑިމޮކްރެސީ އާއި އެއްގޮތްވާ ގޮތުގެ މަތީން ފުރިހަމަ ކޮށްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ޕީ.ޕީ.އެމުން އަބަދުވެސް ކަންކަން ކުރާނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޑޮމޮކްރަސީގެ ރީތި އުސޫލުތަކާ އެއްގޮތަށްކަމަށެވެ.