ޚަބަރު

މިލަންދޫގައި އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢެއް އަންނަ މަހު ފަށާނެ - މިނިސްޓަރ ޠާރިޤް


ށ މިލަންދޫގައި ހަތަރުސަތޭކަ ވޮޓްގެ އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ށ. މިލަންދޫގެ ނަރުދަމާ ނިޒާމް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ށ. މިލަންދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމްއެވެ. މިމަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން މިލަންދޫގައިވަނީ 5 ޕަމްޕް ސްޓޭޝަން ބަހައްޓާ 13.2 ކޮލީ މީޓަރުގެ ނަރުދަމާގެ ވިއުގައެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ރަށުގެ 700 ގޭބިސީއަށް ވަނީ މި ހިދުމަތް ދޭން ފަށާފައެވެ. އަދި ރަށުގައި އުފެދޭ ނަޖިސް ބޭރުކުރުމަށް 150 މީޓަރުގެ އައުޓް ފޯލް ހޮޅިވަނީ އަޅާފައެވެ.

މިލަންދޫގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ 19 އޮގަސްޓް 2014ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ މާޗްމަހުގެ 27 ވަނަދުވަހުން ފެށިގެންވަނީ ބޭނުންކުރަން ފަށާފައެވެ.

މިލަންދޫ ނަރުދަމާގެ ނިޒާމު ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހާކަފުޅު ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް ވިދާޅުވީ ވޭތުވެދިޔަ އެއްވެސް ސަރުކާރަކަށް ނުކުރެވުނު އެތައް ކަމެއް މި ސަރުކާރުގެ ހަތަރު އަހަރާއި ބައިގެ ތެރޭގައި ހާސިލުކޮށްދީފައިވާކަމަށެވެ. މިގޮތުން ށ މިލަންދޫއަށް އެކަނި ބަލާލިނަމަވެސް އެރަށުގައި ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށް ސާފު ބޯފެނުގެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުކުރަމުންދާކަން މިނިސްޓާރ ޠާރިޤް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް 24 ގަޑިއިރުގެ ކަރަންޓް ޔަޤީންކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން އަންނަ މަހު މިލަންދޫގައި 400 ވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤްގެ ވާހަކަފުޅުގައި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ބައެއް މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. މިގޮތުން 22 ރަށެއްގައި ނަރުދަމާގެ ނިޒާމް ޤާއިމުކޮށްފައިވާއިރު އެކަމަށް ދައުލަތުގެ ބަޖެޓުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާކަން މިނިސްޓަރ ޠާރިޤް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކެއް ޕޮއިންޓް ތިނެއް މިލިއަން ހޭދަކޮށްގެން 37 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިހާރުކުރިޔަށްދާކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. އިދިކޮޅު ފަރާތަކަށް ރައްދުދެއްވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެތައް ވައުދެއް ވެ އޭގެތެރެއިން އެއްވެސް ވައުދެއް ފުއްދާނުދީ ދިވެހި ރައްޔިތުންނަށް ކުރީ ފުރައްސާރަކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ތިމަވާށިގެ ޗެމްޕިއަންކަމަށް ބުނެ ރާއްޖޭގައި އިޔާދަކުރަނެވި ހަކަތަ ޤާއިމުކުރައްވާކަމަށް ވިދާޅުވީ ނަމަވެސް އެ ސަރުކާރުން ނިމިގެންދިޔައިރު ޤާއިމުކުރެވިފައިވަނީ ހަމައެކަނި ދެ މެގަވޮޓްގެ މަޝްރޫއުކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް ހަތަރު މެގަވޮޓްގެ އިޔާދަ ކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކޮށް ނިމިފައިވާއިރު އިތުރު ނުވަ މެގަވޮޓްގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން މިނިސްޓަރ ވަނި ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ހއ، ށ ނ މި ތިން އަތޮޅުގައި ޖުމްލަ 14 މެގަވޮޓްގެ
އިޔާދަކުރަނިވި ހަކަތައިގެ ނިޒާމް ޤާއިމުކޮށްނިމެނޭކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.