ޚަބަރު

ށ.މިލަންދޫ ނަރުދަމާ ހިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާދެއްވައިފި


ށ. މިލަންދޫގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔުމް ރަސްމީކޮށް ފައްޓަވާދެއްވައިފިއެވެ. މިމަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން މިލަންދޫގައިވަނީ 5 ޕަމްޕް ސްޓޭޝަން ބަހައްޓާ 13.2 ކޮލީ މީޓަރުގެ ނަރުދަމާގެ ވިއުގައެއް ވަނީ ޤާއިމުކޮށްފައެވެ. އަދި ރަށުގެ 700 ގޭބިސީއަށް ވަނީ މި ހިދުމަތް ދޭން ފަށާފައެވެ. އަދި ރަށުގައި އުފެދޭ ނަޖިސް ބޭރުކުރުމަށް 150 މީޓަރުގެ އައުޓް ފޯލް ހޮޅިވަނީ އަޅާފައެވެ.

މިލަންދޫގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ 19 އޮގަސްޓް 2014ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ މާޗްމަހުގެ 27 ވަނަދުވަހުން ފެށިގެންވަނީ ބޭނުންކުރަން ފަށާފައެވެ.

2050 މީހުްނގެ އަބާދީއެއް ދިރިއުޅޭ މިލަންދޫގައި ސާފު ބޯފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އެމްޑބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއުގެ އަގަކީ 46,926,382.76 ރުފިޔާ އެވެ.

މިމަޝްރޫޢުގެ ދަށުން ށ. މިލަންދޫގައި 29 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް ގަޑިއަކު 10 ޓަނުގެ ފެންއުފައްދާ ދެ އާރްއޯ ޕްލާންޓް ބެހެއްޓޭނެ އެވެ. މި ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 164 ޓަނުގެ ފެން އުފެއްދޭނެ އެވެ.