ތަރައްްޤީ

ފުނަދޫ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް އޯގަސްޓްމަހަށް ނިންމާނެ - ޓޫރިޒަމް މިނިސްޓަރ


ށ.ފުނަދޫގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް އަންނަ އޯގަސްޓުމަހުގެ ނިޔަލަށް ނިންމައި އެރަށަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ށ.ފުނަދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމައި އެރަށުގެ އެއަރޕޯޓުގެ ރަންވޭގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެކި ސަރަޙައްދުތަކުގައި އެއަރޕޯޓުތައް ހެދުމަށް ރާއްޖޭގެ އިޤްތިޞާދީ ހާލަތު ތަން ނުދޭކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ޙިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު، ރާއްޖޭގެ މުޅި އިޤްތިޞާދީ ޙާލަތު ބަދަލުކޮށް، އޭގެ ހެޔޮބަދަލު މިއަދު ފެންނަމުންދާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ށ.ފުނަދޫ އެއަރޕޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިމި ޝޯވ ޕްރޮޓެކްޝަންގެ މަސައްކަތްވެސް ނިމިފައިވާކަމަށެވެ. ފުނަދޫ އެއަރޕޯޓުގައި 1200 މީޓަރު ދިގު ރަންވޭއެއް އެޅުމަށް ހަމަޖެހިފައިވާއިރު، ރަންވޭއަށް ބޭނުންވާ ސަބްބޭސް އެޅުމުގެ ހުރިހާ މަސައްކަތެއްވެސް މިހާރު ނިމިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފުނަދޫ އެއަރޕޯޓާއި، ކުޅުދުއްފުށީ އެއަރޕޯޓުގެ ރަންވޭގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު މިމަހުގެ 5 ހާތާގައި، އެ ދެރަށަށް ދާނެކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ފުނަދޫ އެއަރޕޯޓުގެ މަސައްކަތް ޑިސެމްބަރ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ކުރިން އުއްމީދުކުރިނަމަވެސް، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށްބަލައި، ފުނަދޫ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް އޯގަސްޓްމަހުގެ ނިޔަލަށް ނިންމައި ޓެސްޓް ފްލައިޓް ޖައްސާނެކަމުގެ ޚަބަރު ޓޫރިޒަމް މިނިސްޓަރ ވަނީ މިރަސްމިއްޔާތުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ޙިއްސާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ށ.ފުނަދޫ ދާއިރާގެ މެމްބަރު ޢަލީ ސަލީމް ވިދާޅުވީ، މި ސަރުކާރުގެ ތަރައްޤީގެ ދުވެލި ފެނި، ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހަމައެކަނި ށ. އަތޮޅުން އެކަނިވެސް ރައީސް ޔާމީނަށް ބޯކޮށް ވޯޓުލިބޭނެކަމަށާއި، ރައީސް ޔާމީނަށް ރައްޔިތުން ވޯޓުދޭންޖެހޭ ސަބަބުތަކުގެ މައްޗަށް މެމްބަރު ޢަލީ ސަލީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ށ. ފުނަދޫ އެއަރޕޯޓްގެ ރަންވޭއާއި، އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހެވެ. ހަމައެހެންމެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުން އެކުންފުންޏާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން އެރަށުގެ ފަޅުން 21 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.