ޚަބަރު

މި ސަރަހައްދުގައި ހަދާ އެންމެ ބޮޑު ސީޕޯޓް ގުޅިފަޅާއި ތިލަފުށީގައި ހަދާނަން - ރައީސް


އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޤާއިމުކުރާނެ އެންމެ ވަރުގަދަ ސީޕޯޓް ރާއްޖޭގައި ހަދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ށ. ކަނޑިތީމު ބަނދަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ ދައުރަށް އެމަނިކުފާނު ގެންގުޅުއްވާ ތަރައްޤީގެ ބައެއް ވިސްނުންތައް ހިއްސާކުރައްވާފައެވެ. މި މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް އަންނަ 1.5 މިލިއަން ޓުއަރިސްޓުންނާއި އެކު ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވިޔަފާރި މުދާ ގެނައުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރު ތޮއްޖެހިފައިވާ އޮތް މިންވަރު އެ ސަރަހައްދުގައި އުޅޭ ވިޔަފާރިވެރިންނަށް އެގޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއަރޕޯޓް ގެ ތަރައްޤީގެ މަސައްކަތް ނިމުމުން މި ސަރަހައްދުގައި ޤާއިމުކުރާ އެންމެ ބޮޑު ސީޕޯޓްގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި ޕޯޓް ޤާއިމުކުރާނީ ތިލަފުއްޓާއި ގުޅިފަޅު ހިމެނޭ ސަރަހައްދުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ބަނދަރަކީ މި ސަރަހައްދުގެ ވިޔަފާރުވެރިން މިސްރާބު ޖަހާ ބަނދަރަކަށް ހައްދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސީޕޯޓު ގާއިމުކުރުމުން އެތަނުގައި ހިމެނޭނީ ހަމައެކަނި މުދާ އުފުލާ ކެރޭނާއި މުދާ ޕެލެޓް ކުރަން ބޭނުންވާ ސާމާނު އެކަނި ނޫން ކަމަށާއި އެ ޕޯޓަށް ހާއްސަކޮށްގެން އައިޓީ ފަރިތަ ޒުވާން ޖީލެއް ބިނާ ކުރަން ޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ. ތިލަފުއްޓާއި ގުޅި ފަޅާ ގުޅިގެން ގޮސް ބޮޑެތި ބިޔަ މަޝްރޫއުތައް ރާއްޖޭގައި ހިގަމުން އަންނައިރު އެ ބްރިޖްތައް މާލެއާއި ގުޅެން ނުޖެހޭތޯވެސް ރައީސް ވަނީ ސުވާލުކުރައްވާފައެވެ.

ކަނޑިތީމުގެ ރައްޔިތުންނާ ބައްދަލުކުރަައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2008 ފެށިގެން 2013ގެ ނިޔަލަށް އެރަށުގައި ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހިންގާފައިނުވާކަމަށެވެ. އެހެންނަމަވެސް މި ދިޔަ ހަތަރުއަހަރުގެ ތެރޭގައި 105 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަނޑިތީމުގެ އެކި މަޝްރޫއުތަކަށް ދއުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.