އެކައުންޓިންގ ދާއިރާގެ އޮނިގަނޑުގެ ތެރެއިން ޗާޓަޑް އެކައުންޓެންޓުންގެ ބިލް މި އަހަރު މަޖިލީހަށް ފޮނުވާނެ ކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
އެކައުންޓިންގ ފޯރަމް ހުޅުވުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވީ މިހާރު އެކުލަވާލައިފައިވާ ޗާޓަޑް އެކައުންޓެންޓްގެ ބިލަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުއްދަ ލިބިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން އެ ބިލް ޤާނޫނަކަށް ބަދަލުވުމުން، ރާއްޖޭގައި އެކައުންޓިންގެ ދާއިރާ ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
ޒިޔަތު ވިދާޅުވީ އޮޑިޓްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުން އެދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. ޒިޔަތު ވަނީ އެފަދަ ދަރިވަރުންނަށް ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ބޭނުންވާ ތަޖުރިބާތައް ހާސިލުކުރުމަށް އެހީތެރިވެދިނުމަށް ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އޮޑިޓް ފާމްތަކަށާއި ބޭރުގެ އޮޑިޓް ފާމަތަކަށް އިލްތިމާސް ކުރައްވާފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި ފޯރަމްގައި އިންޑަސްޓްރީގެ ފުންނާނބު އުސް ބޭފުޅުންގެ ތަޖްރިބާ ހިއްސާކުރެއްވުމާއި ދާއިރާގެ ބޭފުޅުންގެ ގުޅުން ބަދަހިކުރުމާއި ޓެކްނިކަލް ސެޝަންތައް ކުރިޔަށް ގެންދިއުމަށް އިސްކަންދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕަބްލިކު ކުންފުނިތަކެއްގެ އެހީތެރިކަމާއެކު އޮޑިޓާ ޖެނަރަލްގެ އޮފީހުން އިސް ނަންގަވައިގެން، ހޮޓެލް ޖެންގައި މިއަދު ފެށި އެކައުންޓިން ފޯރަމަކީ އޮޑިޓިންގް ޕްރޮފެޝަނުގައި މަސައްކަތްކުރާ ދިވެހީންނަށް އަމާޒުކޮށްގެން ހަތަރު ދުވަހަށް ކުރިއަށް ގެންދާ ފޯރަމެކެވެ.