ޚަބަރު

އިބޫއަށް މަރުހަބާ ވިދާޅުވެ ސުލްހަވެރި ކެމްޕެއިންތައް ކުރުމަށް ރައީސް ގޮވާލައްވައިފި


އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ކަނޑައެޅި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިހަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުޢާޒް އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެޕާޓީގެ ކޮންގްރެސްއިން ކަނޑައަޅާފައިވާ އިބްރާހީމް މުޙައްމަދު ޞާލިހަށް މަރުޙަބާ ދަންނަވާ ރައީސް ޔާމީން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިހަށް މަރުޙަބާ ދަންނަވާ ސިޓީފުޅެއް ރައީސް ޔާމީން ފޮނުއްވާފައިވާއިރު މިއަދު ށ. ބިލެއްފަހި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ރަސްމިއްޔާތުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެސް ރައީސް ޔާމީން ވަނީ އިބްރާހީމް މުޙައްމަދު ޞާލިހަށް މަރުހަބާ ދަންނަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހީމް މުޙައްމަދު ޞާލިހް ހަމަޖެހިގެން ދިއުމާއިއެކު ޤައުމަށް ހަމަޖެހުން އަންނާނެ ކަމަށެވެ. ވަކި ބޭފުޅަކަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތަށް އޮތުމުން ޤައުމަށް ލިބިގެންދިޔަ "އުދާސްތަކާއި ހޫނު" ފިލައިގެން ގޮސްފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ތަކުލީފު ނުޖައްސާ ރައްޔިތުން ހިތުން ކަށަވަރުކަން ހޯދުމަށް ކެމްޕެއިންތަކުގައި މަސައްކަތްކުރުމަށްވެސް ރައީސް ގޮވާލެއްވިއެވެ.

" މިވަރުގެ ބޮޑު ހަމަޖެހުމެއް އެމްޑީޕީ އަށް އައީމާ އަޅުގަނޑު އުއްމީދު ކުރަނީ މި ހަމަޖެހުމާ އެކީގައި މުޅި ގައުމުގެ ސުލްހަވެރިކަމާއި މަސްލަހަތަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް. އެހެން ކަމުން، އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަމުން، އަޅުގަނޑު ހަމަ އެމްޑީޕީގެ ބޭފުޅުންނަށް ވެސް ދަންނަވާލަން ބޭނުން ވަނީ އަމާންކަމާ އެކީގައި ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް ނުޖައްސައި ރައްޔިތުންގެ ހިތުގެ ކަށަވަރުކަން ހޯދުމަށް ކުރާ މަސައްކަތް ކެމްޕޭނުގައި އަޅުގަނޑުމެން ކުރަންވީއޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހަށް މަރުޙަބާ ދަންނަވާ ސިޓީފުޅެއް ރައީސް ޔާމީން ފޮނުއްވާފައިވާއިރު ސަރުކާރުންވެސް ވަނީ އިބްރާހީމް މުޙައްމަދު ޞާލިހަށް މަރުޙަބާ ދަންނަވާފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އައުމަށްވެސް ސަރުކާރުންވަނީ އެެމްޑީޕީއަށް ގޮވާލައިފައެވެ.