ޚަބަރު

މާލޭގެ ދަފުތަރުގައި ޖެހުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފި


މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާއި ގެދޮރުނެތް މާލޭގެ ރައްޔިތުން ދަފުތަރުގައި ރަޖިސްްޓްރީވުމުގެ ފުރުސަތު ދޭން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ދަފުތަރުގެ އެއްމެހާ ޒިންމާތައް މަތިކުރެވިފައިވާ މާލޭ ސިޓީ ކައުންސިލުން ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުއްޓާލާފައިވާކަމަށާއި، އެ ހައްގު މާލޭ ސިޓީ ކައުންސިލަށް ލިބިގެންނުވާ ކަމަށެވެ. އަދި އަތޮޅު ތެރެއިން މާލެއައިސް ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުން މާލޭ ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އަބަދުވެސް އޮންނަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، މާލޭގެ ދަފުތަރުގައި ޖެހުމުގެ ފުރުސަތު ބަންދުކޮށްފައި އޮތުމަކީ އެތަކެއް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ގެއްލިގެންދާ ކަމެއްކަމަށާއި، އެހެން ކަމުން އެއީ އެކަން ވާންޖެހޭނެ ގޮތްކަމަށް ދެކެވެޑައިނުގަންނަވާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށާއި، އެ ސިޔާސަތުގެ ދަށުން ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ދަފުތަރު ބެލެހެއްޓުމުގެ ޒިންމާ ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލުގެ ޒިންމާގެ ދަށުގައި އޮތް ދަފްތަރުގެ މަސައްކަތް ދެން ބަލަހައްޓާނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އަދި އެކަމުގެ ތަފުސީލު ވަރަށް އަވަހަށް އާންމު ކުރައްވާނެކަމަށްވެސް ހައިސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ މާލޭގެ ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭ ވައުދެއް ކަމަށެވެ. އެގޮތުން އެންމެ ފަހުން ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރޭގައި ދަފުތަރުގައި ޖެހިފައިވާ މީހުންނަށް ވަކި ކެޓަގަރީއެއް ހިމަނާފައިވާކަމަށާއި، އެ ކެޓަގަރީގެ ދަށުން 1044 ފްލެޓެއް ދަފުތަރުގެ ރަށްވެހިންނަށް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ހުއްޓާލާފައިވާ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމާއެކު "ހިޔާ"ގެ ފްލެޓްތަކަށް އެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.