ޚަބަރު

ހުޅުމާލޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އިސްރަށްވެހިންނަށް ދީފި


ހުޅުމާލޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު އިސްރަށްވެހިންނަށް ދީފިއެވެ.

ހުޅުމާލޭގައި ކުރިއަށްދާ މަޝްރޫޢުތަކުގެ މަޢުލޫމާތު އިސްރަށްވެހިންނަށް ދިނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން އިސްރަށްވެހިންގެ ޖަމިއްޔާއާއި ގުޅިގެން ކުރިއަށްގެންދިޔަ ހުލުމާލޭ ޓުއަރގައެވެ. އެޗްޑީސީން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މިޓުއަރގައި ހުޅުމާލޭ ފުރަތަމަ ފޭސްއާއި 2 ވަނަ ފިޔަވަހީގައި ކުރިއަށްދާ ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ މަސައްކަތް ދައްކާލުމާއި މިހާރު ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ދީފައިވެއެވެ. މީގެ ތެރޭގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކުރުމުގެ އެންމެ ބިޔަ މަޝްރޫޢު، ހިޔާ މަޝްރޫޢުގެ ދަށުން ކުންފުނިތަކުން އިމާރާތްކުރަމުންދާ ފްލެޓްތަކާއި މާލޭ ފިފްތް ޕަވަރ ޕްރޮޖެކްޓާއިބެހޭ ގޮތުން އިސްރަށްވެހީންނަށް މަޢޫލޫމާތު ދިނެވެ.

މިޓުވަރގައި ހުޅުމާލޭ ޕްރޮޖެކްޓުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުމުގައި އިސްދައުރެއް އަދާކުރެއްވި ކުރީގެ މިނިސްޓަރ އޮނަރަބަލް އުމަރު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ. ޓުއަރއާއިބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ އަޙްމަދު ބުންޔާމީން ވިދާޅުވީ، ހުޅުމާލެއަކީ ސަރުކާރުގެ އެންމެ ބޮޑު ތަރައްޤީގެ އަމާޒުކަމަށްވާއިރު މިފަދަ ބޮޑުކަމެއްގައި ރާއްޖޭގެ ތަރައްޤީއަށް ކުރިން މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ ބައިވެރިވުމަކީ މުހިއްމު ކަމެއްކަމަށެވެ.

އިސްރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން ވަހަކަދައްކަވަމުން އެޖަމިއްޔާގެ ނާއިބް ރައީސް ޢަބްދުލްއަޒީޒް ޔޫސުފް ވިދާޅުވީ، އުމުރުން ދުވަސްވީ ނަމަވެސް މުޖުތަމަޢުގައި ބާކީކޮށްނުލާ ޤައުމުގެ ތަރައްޤީގައި އެފަރާތްތަކުގެ ހިއްސާ ކޮންމެވެސް ގޮތަކުން އޮތުމަކީ އިސްރަށްވެހިންނަށް ލިބޭ ބޮޑު ޝަރަފެއްކަމަށެވެ.

އެޗްޑީސީން ކުރިއަށްގެންދިޔަ މި ޓުއާރގައި އިސްރަށްވެހިންގެ ޖަމިއްޔާގެ ވިއްސަކަށްވުރެ ގިނަ މެންބަރުން ބައިވެރިވިއެވެ. މިޓުއާގެ ތެރެއިން އެޗްޑީސީގެ ފަރާތުން އިސްރަށްވެހިންގެ ޖަމިއްޔާއަށް ޚާއްޞަ ހަދިޔާއެއް ދީފައިވާއިރު، އެޖަމިއްޔާގެ ފަރާތުންވަނީ އެޗްޑީސީއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.